ޚަބަރު

އެމެރިކާއިން އީރާނަށް ޙަމަލާދީފި ނަމަ އެކަމުގެ ބަދަލުހިފާނަން: ޚާމަނާއީ


އެމެރިކާއިން އީރާނަށް ޙަމަލާދީފި ނަމަ، އޭގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާއަށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެ، އީރާނުގެ ރޫޙީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އޭނާ އެމެރިކާއަށް އިންޒާރު ދެއްވާފައި މި ވަނީ، އެމެރިކާއިން ބޭނުންވާ ގޮތަށް އަމަލު ކުރުމަށް އީރާނުން އިންކާރު ކުރަމުންދާ ނަމަ، އެ ޤައުމަށް ޙަމަލާ ދޭނެ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕް ވިދާޅުވީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އީރާނުން ދެކޮޅު ހަދަމުންދާ ނަމަ އެ ޤައުމަށް ބޮން އަޅަން ފަށާނެ ކަމުގައެވެ. އަދި، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރައްވާނެ ކަމުގައެވެ.

ޓްރަމްޕްގެ އިންޒާރަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުން ޚާމަނާޢީ ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން ޓްރަމްޕްގެ އިންޒާރާ އެއްގޮތަށް އަމަލުކޮށް، އީރާނަށް ޙަމަލާ ދޭން ފަށައިފި ނަމަ، އެމެރިކާއާ ދެކޮޅަށް އީރާނުން ވެސް ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށް ތައްޔާރަށް އޮތް ކަމުގައެވެ. މި ކަން ހާމަކޮށް، އީރާނުން ވަނީ ސްވިޓްޒަލެންޑަށް އިންޒާރުގެ ސިޓީއެއް ރައްދު ކޮށްފައެވެ. އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ ނުރަސްމީ މަޝްވަރާތަކުގައި ސްވިޓްޒަލެންޑުން ދަނީ މެދުވެރިއެއްގެ ދައުރު އަދާ ކުރަމުންނެވެ.

އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓްރޯލު ކުރުމަކީ ޓްރަމްޕްގެ އަމާޒެކެވެ. އެ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް ބޭއްވުމަށް ހުށަހަޅުއްވައި، ޓްރަމްޕް ވަނީ މާރިޗު މަހުގެ ކުރީކޮޅު ޚާމަނާޢީއަށް ސިޓީއެއް ފޮނުއްވާފައެވެ. އަދި، އެ ކަމާ މެދު ގޮތެއް ނިންމުމަށް ދެ މަސް ދުވަހުގެ މުހުލަތެއް ދެއްވާފައެވެ.

"އެމެރިކާއާއި އިސްރާއީލުގެ އަދާވާތްތެރި ކަން އަބަދުމެ އޮވޭ. އަޅުގަނޑުމެންނަށް [އީރާނަށް] ޙަމަލާ ދޭނެ ކަމަށް އެ މީހުން ދަނީ އިންޒާރު ދެމުން، ނަމަވެސް އެއީ ކުރެވިދާނެ ކަމެއް ކަމާ މެދު ޝައްކު، ނަމަވެސް އެ މީހުން އެ ފަދަ ސިޔާސަ އަމަލެއް ހިންގައިފި ނަމަ، އޭގެ ބަދަލު ހިފާނަން. އަދި، ފާއިތުވި އަހަރުތަކޭ އެއް ފަދައިން އީރާނުގެ އެތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކޮށްފި ނަމަ، އެ ކަމާ ދެކޮޅަށް އީރާނުގެ ރައްޔިތުން ތެދުވެ، ފިޔަވަޅު އަޅާނެ،،" ޓްރަމްޕަށް ރައްދު ދެއްވައި ޚާމަނާޢީ ވިދާޅުވިއެވެ.

އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް ހުށަހަޅާފައިވާ ދަޢުވަތަށް އީރާނުން ހުސްވި ހަފުތާގައި ވަނީ ރައްދު ދީފައެވެ. އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަކީ އެ ޤައުމުގެ ސިޔާސަތު ނޫން ކަމުގައި އީރާނުން ބުންޏެވެ. ސަބަބަކީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއި، އެ ޤައުމަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރުތައް ކަމުގައި ވެސް އީރާނުން ބުންޏެވެ. އަދި، އެމެރިކާއާ އެކު މަޝްވަރާތަކުގައި ބައިވެރި ވާނީ އެ ހާލަތު ބަދަލު ކުރުމުން ކަމުގައި ވެސް އީރާނުން ހާމަކުރިއެވެ.

މާރިޗު 30ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވަނީ މި ސިޔާސަތު ތަކުރާރު ކުރައްވާފައެވެ. "[އެމެރިކާއާ އެކު] ސީދާ މަޝްވަރާތައް ބޭއްވުމަށް ވާނީ އިންކާރު ކޮށްފައި، ނަމަވެސް [މެދުވެރިން ބައިވެރިކޮށް] ނުސީދާކޮށް ބާއްވަމުންދާ މަޝްވަރާތަކުގައި އީރާނުން ދަނީ އަބަދު ވެސް ބައިވެރިވަމުން، އަދި މިހާރު، ރޫހީ އެންމެ މަތީ ވެރިޔާ [ޚާމަނާޢީ] ވަނީ ނުސީދާކޮށް މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަން ފާހަގަ ކުރައްވާފައި،" އޭނާ ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބުޣާއީ ވެސް ވަނީ ޓްރަމްޕްގެ އިންޒާރުތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. "[މިނިވަން] ޤައުމަކަށް ބޮންއަޅައި ޙަމަލާ ދޭނެ ކަމުގައި އެހެން ދައުލަތެއްގެ ވެރިޔަކު ވިދާޅުވުމަކީ ބައިނަލްއަޤުވާމީ ސުލްޙައާއި ހަމަޖެހުމުގެ ޤަދަރު ކެނޑުމުގެ އަމަލެއް. ހަމަނުޖެހުމުން އުފަން ކުރެވޭނީ އިތުރު ހަމަނުޖެހުން، ސުލްޙަ ޤާއިމު ކުރެވޭނީ ސުލްޙައިން،" އޭނާ ވިދާޅުވިއެވެ.

އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ވައިގެ ސިފައިންގެ ކޮމާންޑަރު އަމީރުޢަލީ ޙާޖީޒާދާ ވެސް ވަނީ އެމެރިކާއަށް އިންޒާރު ދެއްވާފައެވެ. "މި ސަރަޙައްދުގައި [މެދުއިރުމަތީގައި] އެމެރިކާގެ 10 ވަރަކަށް އަސްކަރީ މަރުކަޒު އޮވޭ، އެ ތަންތަނުގައި 50،000އެއްހާ ސިފައިން ތިބޭ. ބިއްލޫރި ގެއެއްގައި ތިބެގެން އޮށްގައު އުކުމަކީ ބުއްދިވެރި ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމުން 2015ވަނަ އަހަރު ވަނީ އެމެރިކާއާއި ހުޅަނގުގެ ބާރުތަކާ އެކު އެއްބަސްވުމެއް އެކުލަވައިލާފައެވެ. ނަމަވެސް، އެމެރިކާއިން އެ އެއްބަސްވުމާ ޚިލާފުވެ، އަމަލު ކުރުން ހުއްޓައިލާފައި ވަނީ 2018ވަނަ އަހަރުއެވެ. އެއީ، ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. އެއަށްފަހު، ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

އެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ނިއުކްލިޔަރ ޕުރޮގުމާރުގެ ދަށުން ޔުރޭނިއަމް މުއްސަނދި ކުރުމަށް ކުރަމުން ދިޔަ މަސައްކަތްތައް އެތަކެއް ގުނައަކަށް ފުޅާ ކޮށްފައެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ އިތުރުން ހުޅަނގުގެ ބާރުތަކާއި ޒަޔަނިސްޓު އިސްރާއީލުން ޤަބޫލު ކުރާ ގޮތުގައި، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ މައިގަނޑު އަމާޒަކީ ނިއުކްލިޔަރ ބޮމެއް ހަތިޔާރު އުފެއްދުމެވެ. ނަމަވެސް، އީރާނުން މި ތުހުމަތުތައް ދޮގު ކުރެއެވެ. އިސްލާމީ ޤައުމަކުން ނިއުކްލިޔަރ ހަތިޔާރު އުފައްދައި، ނިއުކްލިޔަރ ބާރަކަށް ވުމަކީ އެމެރިކާ އަދި ޔަހޫދީންނަށް ހަޖަމު ކުރެވޭނެ ކަމެއް ނޫނެވެ.