ކުޅިވަރު

ސޯސަން ކަޕް: ސެމީ ފައިނަލާ ގާތަށް ރައިޒިން ލެޖެންޑްސް ޖެހިލައިފި


ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2025 ގެ ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ރައިޒިން ލެޖެންޑްސް ޖެހިލައިފިއެވެ.

އއ. ތޮއްޑޫގައި މިހާރު ކުރިއަށްދާ ސޯސަން ފުޓްސަލް ކަޕްގެ ސެމީ ފައިނަލުގެ ފުރުސަތު ރައިޒިން ލެޖެންޑްސް އިން ބޮޑުކުރީ މުބާރާތުގައި އެޓީމް ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ގޯލްޑްފިޝްއާ ވާދަކޮށް ރައިޒިން ލެޖެންޑްސް މެޗު ކާމިޔާބުކުރީ 6-4 އިންނެވެ.

މެޗުގައި ރައިޒިން ލެޖެންޑްސްގެ މުޙައްމަދު އަނާން ދެ ގޯލު ޖެހިއެވެ. އެޓީމްގެ އަނެއް ހަތަރު ގޯލު ޖަހައިދިނީ އަބްދޫﷲ ހިޝާން، ޔައިޝް މުސްތަފާ އަދި ރައުހާން ރިފްއަތުއެވެ. ގޯލްޑްފިޝްގެ ގޯލުތައް ޖަހައިދިނީ އަބްދުﷲ ޝަމްރޫޒް، ނާހިޒް އަދި އަބްދުﷲ އާހިލް އަލީއެވެ. ނާހިޒްވަނީ މެޗުގައި ދެ ގޯލު ޖަހާފައެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ހެލޯ ބޭބީ ކުޅުނު ދެވަނަ މެޗު ކާމިޔާބުކުރީ ރިޕްޓައިޑްސްއާ ވާދަކޮށް 17-03 އިންނެވެ. މެޗުގައި ހެލޯ ބޭބީގެ އަހުނަފް ރަޝީދު ހަ ގޯލު ޖެހިއިރު، ނަޝާހު އަހުމަދު ހަތަރު ގޯލު ޖެހިއެވެ. މުހައްމަދު ދާނިޝް އާއި އިސްމާއިލް މުނީޒް ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އިބްރާހިމް ޝައުފް، ހާޒިމް ފައުޒީ އަދި އިސްމާއިލް ރަޔާންވެސް މެޗުގައި ގޯލެއް ޖެހިއެވެ. ރިޕްޓައިޑްގެ ގޯލުތައް ޖަހައިދިނީ އަހުމަދު ރާއިފް އައްބާސް އާއި ހަސަން ނާއިފް އައްބާސްއެވެ. ނާއިފް ދެ ގޯލު ޖެހިއެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި އަމިގޯސް އިން ވަނީ ފްލޭޝްގެ މައްޗަށް 6-2 އިން ކުރި ހޯދާފައެވެ. މެޗުގައި އަމިގޯސްގެ އަހުމަދު އަފްލާޒް ތިން ގޯލު ޖަހައި ހެޓްރިކް ހެދިއިރު، އިބްރާހިމް އަސްވަދު، އާދަމް ނާސިހު އަދި އަހުމަދު މާއިޝް ރަޝީދު ވަނީ ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖަހާފައެވެ.

ރޭ ކުޅުނު ފަހު މެޗުގައި ސްޓްރީޓް ބްރޯސް އިން ވަނީ ކާންޓް ޕްލޭގެ މައްޗަށް 3-0 އިން ކުރި ހޯދާފައެވެ. މި މެޗުގައި ސްޓްރީޓް ބްރޯސްގެ ތިން ގޯލުވެސް ޖަހައިދިނީ އިބްރާހިމް ހާމިދުއެވެ.

މުބާރާތުގައި މިރޭވެސް ހަތަރު މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ހެލޯ ބޭބީ އާއި ފްލޭޝް ވާދަކުރިއިރު، ދެވަނަ މެޗުގައި ޔަންގްސްޓާ ނުކުންނާނީ ސްޓްރީޓް ބްރޯސްއާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި ރައިޒިން ލެޖެންޑްސް އާއި ކާންޓް ޕްލޭ ވާދަކުރާއިރު ފަހު މެޗުގައި އަމިގޯސް ސްޕޯޓްސް ކުލަބު ނުކުންނާނީ ރިޕްޓައިޑްސްއާ ދެކޮޅަށެވެ.

ތޮއްޑޫ ސޯސަން ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ. މިއީ މި މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ.