ޚަބަރު

ޣައްޒާގައި ޔަތީމު ކޮށްލާފައިވާ ކުދިންގެ އަދަދު އެތަކެއް ހާހަކަށް


ފަލަސްޠީނުގެ ޣައްޒާގެ ދެކުނުގައި އޮތް ރަފަޙުގައި ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކެއްގެ ކައިރީގައި ކުޑަ ދެ އަންހެން ކުދިން މަގުމަތީގައި އިށީނދެގެން | ފޮޓޯ: ރޮއިޓަރސް

ފަލަަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގައި 39,000އަށްވުރެ ގިނަ ކުޑަކުދިންގެ މައިންބަފައިން ޝަހީދު ކޮށްލައި، އޭގެ ތެރެއިން އެތަކެއް ހާސް ކުދިން ޔަތީމު ކޮށްލާފައިވާ ކަން ފަލަސްޠީނުގެ ސެންޓްރަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް (ޕީސީބީއެސު)ން ހާމަކޮށްފިއެވެ. އެ އިދާރާއިން މި ކަން ހާމަ ކޮށްފައި ވަނީ ފަލަސްޠީނުގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅުވައި ނެރުނު ރިޕޯޓެއްގައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,160އަށްވުރެ އިތުރުވެފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.

މައިންބަފައިން ޝަހީދު ކޮށްލާފައިވާ ކުދިންގެ އަދަދު 39,000އަށްވުރެ މައްޗަށް

ޕީސީބީއެސްގެ ރިޕޯޓުގައި ބުނެފައި ވަނީ، ޣައްޒާ ޢުދުވާނަށް 17 މަހާއި 24 ދުވަސް ފާއިތުވެފައިވާއިރު، ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުގައި 39,384 ކުޑަކުދިންގެ މައިން ނުވަތަ ބަފައިން، ނުވަތަ އޭގެ ތެރެއިން ދެ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ބަފައިން ޝަހީދުކޮށް، ޔަތީމު ކޮށްލާފައިވާ ކުޑަކުދިންގެ އަދަދު ވެސް އެތަކެއް ހާހަކަށް އަރައެވެ. އެމެރިކާގެ ވާތްގާއި އެހީތެރިކަމާ އެކު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ އަދަދު 17,954އަށް އުފުލިފައިވާ ކަން ވެސް އެ އިދާރާއިން ހާމަކުރިއެވެ.

"އެ ކުދިން ތަހައްމަލު ކުރަމުން ދަނީ ވަރަށް ނިކަމެތި ހާލަތެއް، ސުންނާފަތި ކޮށްލާފައިވާ ގެދޮރާއި ވީދިފައިވާ ފޭލިގެތަކުގައި، އެއްވެސް އިޖުތިމާޢީ އަދި ނަފްސާނީ އެހީތެރިކަމެއް ނެތި، ދިރިއުޅުމަށް އޭގެ ތެރެއިން ގިނަ ކުދިންނަށް ވަނީ މަޖުބޫރުވެފައި. ފަހުގެ ތާރީޚެއްގައި މައިންބަފައިން ޝަހީދު ކޮށްލާފައިވާ އެންމެ ގިނަ އަދަދެއްގެ ކުޑަކުދިން މި ވަގުތު ތިބީ ޣައްޒާގައި،" ރިޕޯޓާ އެކު ޕީސީބީއެސުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެމެރިކާއިން ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީ ފައުޖުން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ އަދަދު 17,954އަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި އަލަށް އުފަންވި 274 ކުދިންނާއި، އުމުރުން އެއް އަހަރުން ދަށުގެ 876 ކުދިން ހިމެނޭ ކަމުގައި ޕީސީބީއެސުން ހާމަކުރިއެވެ.
"ފޭލިގެތަކުގައި ފިނިން ރައްކާތެރިވާނެ ގޮތެއް ނެތި 17 ކުޑަކުދިން ވަނީ ގަދަ ފިނީގައި ޝަހީދުވެފައި، އަދި ހައިނޫގައި ޖެހުމާއި މެލްނިއުޓްރިޝަންގެ ޞިއްޙީ މައްސަލައިގައި 52 ކުދިން ވަނީ ޝަހީދުވެފައި،" ޕީސީބީއެސުން ހާމަކުރިއެވެ. މީގެ އިތުރުން، ހައިހޫނުގައި ޖެހުމާއި މެލްނިއުޓްރިޝަންގެ ޞިއްޙީ މައްސަލައަށް ހުށަހެޅިފައިވާ ކުޑަކުދިންގެ އަދަދު 60,000އަށް އަރާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.

ޣައްޒާގެ މުސްލިމުން ހައިހޫނުގައި ޖެއްސުމަށް ހިންގާ ޖަރީމާއެއް

މާރިޗު 18ގައި ޣައްޒާ ޢުދުވާން އަލުން ފެށުމަށް ފަހު ޔަހޫދީ ފައުޖުން ވަނީ އެ ސަހަރުގެ ސަރަޙައްދީ ރޮނގުތައް ބަންދުކޮށް، ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، އިންސާނީ އެހީގެ ސާމާނުގެ އިތުރުން އިންޖީނުގެތައް ހިންގުމަށް ބޭނުން ކުރާ ތެޔޮ އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. މީގެ އިތުރުން، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރުން ވެސް ހުއްޓުވާފައެވެ.

ޣައްޒާގެ ސަރުކާރު މީޑިޔާ އޮފީހުން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި، މިއީ ގަސްދުގައި ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ހިންގަމުންދާ ޖާރިމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާތްގާއި އެހީތެރިކަމާ އެކު އިންސާނިއްޔަތު ކަމާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ޖަރީމާއެކެވެ. އަދި، ހަނގުރާމައިގެ ކުށެކެވެ.

ޣައްޒާގައި 2.3 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅެއެވެ. އަދި، ޔަހޫދީން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންނާ އެކު، އެ ދެ ސަރަޙައްދުގައި މި ވަގުތު ދިރިއުޅެމުންދާ އާބާދީ 5.5 މިލިޔަނަށް އަރައެވެ. އޭގެ ތެރެއިން %43އަކީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ ޣައްޒާގެ ކުޑަކުދިންނަށެވެ.