ޚަބަރު

އަންގާރަ ދުވަހުން ފެށިގެން މުޅިރާއްޖެއަށް މޫސުން ގޯސް: މެޓް އޮފީސް


  • ކުރިއަށްއޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ބައެެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރާނެ

  • ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ

އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ބައެެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރާނެކަމަށާއި، ގުގުރުން އެކަށީގެންވާކަމަށެވެ. ނަމަވެސް ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި ރާޅުގެ އުސްމިނުގައި ހުންނާނީ 1 ފޫޓާއި 3 ފޫޓާއި ދެމެދުކަމަށް އެއިދާރާއިން ލަފާކުރައްވައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ކުރާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިދުވަސްވަރަކީ ގިނަ ބަޔަކު ޗުއްޓީއަށްފަހު ދަތުރުކުރާ ދުވަސްވަރެއްކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.