ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިމަހުގެ 9 ވަނަ ދުވަހު ފަށަން ނިންމާފައިވާ ވީއޭއެމްކަޕް 2025 އަށް ކުލަބުތަކުން އަންނަނީ ފޯރީގައި ފަރިތަކުރަމުންނެވެ.
ކުލަބުތަކުގެ ފަރިތަކުރުންތައް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިޔަށްދާއިރު ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަން އިން މުބަރާތަށް ތައްޔާރުވަމުން އަންނަނީ ލީގަށް ކޮލިފައިވުމުގެ އަޒުމުގައެވެ.
އެ ޓީމުން ފެންނަނީ މުޅިން އާ ބެޗެއް ނަމަވެސް ފަރިތަކުރަމުން އަންނަނީ ގައުމީ ޓީމުގެ ކާމިޔާބު ކޯޗު ސޮފްވާން އަހުމަދުގެ އިރުޝާދުގެ ދަށުންނެވެ. ޓީމުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަންގެ ކޯޗު ސޮފްވާން ބުނީ ރާއްޖޭގެ މިހާރު ޓީމުގައި އޮތީ މުޅިން އާ ބެޗެއް ކަމަށެވެ. އައު ކުޅުންތެރިންތަކަކާއެކު ނިކުންނައިރު އުނދަގޫތަކެއް ހުންނާނެ ކަމަށާއި އެހެންނަމަވެސް އަމާޒަކީ ވީއޭމްކަޕުން ރަނގަޅު ނަތީޖާއެއް ނެރެވޭވަރުކުރުން ކަމަށް ސޮފްވާން އުންމީދު ކުރެއެވެ.
"މި މުބާރާތުގައި އަޅުގަނޑުމެންގެ ޓާގެޓަކީ އެސޯސިއޭޝަން ކަޕުން ގައުމީ ލީގަށް ދިއުން. މިއަހަރަކީ މުޅިން އާ ބެޗެއް ނިކުންނަ އަހަރަކަށްވިޔަސް ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެން 2023 ގައި ގުރޫޕް ސްޓޭޖްގައި ވެމްކޯ ބަލިކޮށް ގައުމީ މުބާރާތުގެ ފައިނަލްގައި ކުޅެފައި. ފައިނަލްގައި ވެމްކޯއަތުން ބަލިވެ ރަނަރަޕްކަން ލިބުނީ" ސޮފްވާން ބުންޏެވެ.
ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަންގެ ކުޅުންތެރިންގެ ތެރެއިން ފާތިމަތު މައިހާ ބުނީ ވީއޭއެމްކަޕަށް އެ ޓީމުގެ ކުޅުންތެރިން އަންނަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން ކަމަށާއި ވީއޭއެމްކަޕް ރަނގަޅަށް ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މައިހާގެ އިތުރުން އައިމިނަތު އިބާ އިބްރާހިމް ހުރީ ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަނަށް މި މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ނެރެވޭނެ ކަމުގެ އުންމީދުގައެވެ. އޭނާ ބުނީ މުޅިން އައު ބެޗަކާއި އެކު ނިކުތްނަމަވެސް އުންމީދަކީ ލީގަށް ކޮލިފައިވުން ކަމަށެވެ. އަދި އެ ކުލަބަކީ ގައުމީ ލެވެލްގެ ކުޅުންތެރިން އުފައްދާ ކުލަބެއް ކަމަށާއި، އުންމީދަކީ މި ފަހަރުވެސް އެ ފެންވަރުގެ ކުޅުންތެރިންތަކެއް ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަންގެ ޓީމުން އުފެދިގެން ދިއުން ކަމަށެވެ.
2023 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ރަނަރަޕް ޓީމު ވޮލީ ބޯލް ޔޫތު ނިއު ޖެނެރޭޝަންއިން ވީއޭއެމް ކަޕަށް މިފަހަރު ތައްޔާރުވަމުން އަންނައިރު މީގެ ކުރިން އެ ޓީމުގައި ތިބި 7 ކުޅުންތެރިން ވަނީ ސީނިއާ ޕްލޭޔަރުންގެ ގޮތުގައި އެހެން ކުލަބުތަކާއި ގުޅިފައެވެ.
އެޓީމުގެ ކޯޗު ސޮފްވާން ބުނީ ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަނަކީ 2018 ވަނަ އަހަރުން ފެށިގެން ޒުވާނުންނަށް ވޮލީން ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އުފެއްދި ކުލަބެއް ކަމަށެވެ. އަދި އެ ކުލަބުން މަސައްކަތް ކުރަނީ މޮޅެތި ކުޅުންތެރިން އުފައްދާ ގައުމީ ޓީމަށް ސަޕްލައިކޮށްދިނުމަށް ކަމަށެވެ. މިއަހަރުގެ ވީއޭއެމް ކަޕަކީވެސް އެ އަޒުމުގައި ސޮފްވާން އާއި އޭނާގެ ޓީމުން ނިކުންނަ މުބާރާތެއް ކަމަށް އޭނާ ބުންޏެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރު ފިރިހެން އަދި އަންހެން ލީގު ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ވަކިވަކިންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިޔަށްދާނީ އަންހެން ލީގުގެ މުބާރާތްތަކެވެ. އެގޮތުން ވީއޭއެމް ކަޕް 2025 ސީޒަން ފަށާއިރު މި މުބާރާތް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށެވެ.
ވީއޭއެމް ކަޕް ނިމުމުން ރާއްޖޭގެ ގައުމީ ވޮލީ ލީގަށް ކޮލިފައިވާ ޓީމުތައް އެނގިގެންދާނެއެވެ. އެގޮތުން ވީއޭއެމް ކަޕުގައި ކުޅޭ 8 ޓީމުގެ ތެރެއިން އެންމެ މޮޅު 6 ޓީމު ގައުމީ ލީގަށް ކޮލިފައިވާނެއެވެ. ގައުމީ ވޮލީ ލީގަށްފަހު ދެން އޮންނާނީ ގައުމީ މުބާރާތެވެ.