"ޑިޖިޓަލް ފޯރ އޯލް" ޤައުމީ ކެމްޕެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ޕަބްލިކް ސަރވިސް މީޑިއާއާއި މައިންޑްކޯއާ ދެމެދު ސޮއިކޮށްފިއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ޕީއެސްއެމްގައެވެ.
މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. އަދި މައިންޑްކޯގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރުއެވެ.
މި އެއްބަސްވުމަކީ، މައިންޑްކޯއާއި ޕީއެސްއެމްއާ ގުޅިގެން 3 އަހަރު ދުވަހުގެ މުއްދަތަކަށް މި ކެމްޕެއިން މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ޤާއިމްކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން "ޑިޖިޓަލް ފޯރ އޯލް" ކެމްޕޭނުގެ ރަސްމީ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކީ، ޕީއެސްއެމްއެވެ. އެގޮތުން ޓީވީ، ރޭޑިއޯ އަދި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މި ކެމްޕޭނަށް ބޭނުންވާ ޚަބަރާއި، އިންޓަވިއުއާއި، ހޭލުންތެރިކުރުވުމުގެ މައުލޫމާތުތަކާއި ޕްރޮގްރާމްތައް ޕީއެސްއެމްއިން ފޯރުކޮށްދޭނެއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވީ، މި އެއްބަސްވުމަކީ ސަރުކާރުން ފައްޓަވާފައިވާ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އަމާޒަށް ޤައުމު ގެންދިއުމަށް ޖުލައިމަހު އިފްތިތާޙުކޮށްފައިވާ ޑިޖިޓަލް ފޯރ އޯލް ކެމްޕެއިންއާ ގުޅޭ އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމާއިއެކު މި ކެމްޕެއިން މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ޕީއެސްއެމްގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމަށް ސައީދާ ވިދާޅުވިއެވެ.
"މި ކެމްޕެއިންގެ ދަށުން އެކި ރަށްރަށުގައި އެކި އަތޮޅުތަކުގައި އެކި ޓާގެޓް ގްރޫޕްތަކެއް ޖުމްލަ 8 އޯޑިއަންސްއަކަށް ޓާގެޓްކުރެވިގެން މި ތަމްރީންތައް ކުރިއަށް ގެންދާނަން. މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ޚަބަރުތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައާއި، މިކަންކަން ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާނީ ޕީއެސްއެމް." ސައީދާ އުމަރު ވިދާޅުވިއެވެ.
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒޭޝަންއާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު ޑިޖިޓަލް ލިޓަރަސީ އެންމެންނަށް އަންގައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ޑިޖިޓަލައިޒޭޝަންގެ ދާއިރާއާ ގުޅޭގޮތުން މީހުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމުގައި ޕީއެސްއެމްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް ޝަކީބު ވިދާޅުވިއެވެ.
"ޑިޖިޓަލައިޒްކުރުމަށް މައިންޑްކޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން އަޅުގަނޑުމެންގެ ދައުރު ވަރަށް ބޮޑު. އެއީ، ރާއްޖޭގެ ހުރިހައި އެންމެންނަށް ރީޗްވެވޭނީ އަޅުގަނޑުމެންނަށް. އެހެންވީމަ އަޅުގަނޑުމެން މެދުވެރިކޮށް މައިންޑްކޯއިން އެވިދާޅުވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޕީއެސްއެމްއިން އަބަދުވެސް މަސައްކަތް ކުރަމުންދާނަން. އަޅުގަނޑުމެންގެވެސް އަމާޒަކީ، އުންމީދަކީ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހައި އެންމެންނަކީވެސް ޑިޖިޓަލް ލިޓަރަސީއަށް އަހުލުވެރި ޑިޖިޓަލް ލިޓަރަސީގެ ބޭނުން ހެޔޮގޮތުގައި ހިފަން އިނގޭ ބައެއް ކަމުގައިވުން." ޕީއެސްއެމްގެ އެމްޑީ ވިދާޅުވިއެވެ.
ޑިޖިޓަލް ފޯރ އޯލްއަކީ، "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގެ ދަށުން، 2026 އިން 2028 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑިޖިޓަލް ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖެންސް، އޭއައިއަށް އަހުލުވެރި ކުރުވުމުގެ ޤައުމީ ކެމްޕޭނެކެވެ. މި ކެންޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޑިޖިޓަލް ޚިދުމަތްތަކާއި އޭ.އައި ވަސީލަތްތައް ރައްކާތެރިކަމާއެކު، ޒިންމާދާރުކޮށް އަދި އެދެވޭ ގޮތެއްގައި ބޭނުންކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރު އުނގަންނައިދޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން މި ކެމްޕޭނަށް ބޭނުންވާ ފަންނީ މާހިރުންނާއި، މައުލޫމާތާއި، ތައުލީމީ ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން ކެމްޕޭނުގެ ހަރަކާތްތަކަށް މަގުފަހިކޮށްދޭނީ މައިންޑްކޯ އިންނެވެ. މި ބައިވެރިވުމަކީ، މައިންޑްކޯގެ ފަންނީ ޤާބިލިއްޔަތާއި ޕީއެސްއެމްގެ ފުޅާ މީޑިއާ ނެޓްވޯކް ގުޅުވާލައިގެން، މުޅި ރާއްޖޭގައި ޑިޖިޓަލް އަދި އޭއައި ހޭލުންތެރިކަން އިތުރުކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.