ޚަބަރު

ހިތްވަރާއެކު ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބު ރައީސް ދަރިވަރުންނަށް ހިތްވަރުދެއްވައިފި


  • ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ވަނީ ފޮނުއްވާފައި

  • ބާއްޖަވެރި އަދި ކާމިޔާބު އަހަރަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި

ހިތްވަރާއެކު ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދަރިވަރުންނަށް ހިތްވަރުދެއްވައިފިއެވެ. ނައިބު ރައީސް ދަރިވަރުންނަށް ހިތްވަރުދެއްވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނައިބު ރައީސްގެ މެސެޖްގައި މިފެށުނު ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހައި ލޮބުވެތި ދަރިވަރުންނަށާއި މުދައްރިސުންނަށާއި ބެލެނިވެރީންނަށް ވަނީ އަރިސްކުރައްވާފައެވެ. އަދި ހިތްވަރާއެކު ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ.

މި އަހަރަކީވެސް ދަރީންނަށް ހުރިހާގޮތަކުން ބާއްޖަވެރި އަދި ކާމިޔާބު އަހަރެއް ކަމުގައި ވާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފްގެ މެސެޖްގައި ވަނީ ވިދާޅުވެފައެވެ.


މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ނުވަދިހާ ހާހެއްހާ ދަރިވަރުންނާއެކު ފަށާފައިވާއިރު، އޭގެތެރޭގައި ސަރުކާރުގެ 217 ސްކޫލްއެއްގައި 84000 އެއްހާ ދަރުވަރުން ކިޔަވަމުންދާނެއެވެ.