ޚަބަރު

ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަޖިލިސްތަކުގެ ދައުރު މުހިންމު: ޢަބްދުއްރަހީމް


  • އެސެމްބްލީގެ މައުޟޫޢަކީ "އިޖްތިމާޢީ ތަރައްޤީއާއި އިންސާފަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު"

  • ޑިޖިޓަލް އިންކްލޫޝަން، އަދި އީ-ގަވަރނަންސަށް ދިވެހިރާއްޖޭން އަހައްމިއްޔަތުކަން ދޭކަމަށް ވިދާޅުވި

ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަޖިލިސްތަކުގެ ދައުރު މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 150 ވަނަ އެސެމްބްލީގެ ބަހުސްގައި ތަޤްރީރުކުރައްވައެވެ.

އައިޕީޔޫގެ މިފަހަރުގެ އެސެމްބްލީގެ މައުޟޫޢަކީ "އިޖްތިމާޢީ ތަރައްޤީއާއި އިންސާފަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު" މިއެވެ. މިމަޢުޟޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ ވަނީ ޤާނޫނު ހެދުމާއި، ޤާނޫނާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ބެލުމާއި އަދި ސިޔާސީ އިޚުތިޔާރުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަޖިލިސްތަކުގެ ދައުރަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، މިންތީގެ ހަމަހަމަކަމާ ބެހޭ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، އިޖުތިމާޢީ ސިއްޙީ އިންޝުއަރެންސްގެ ޤާނޫނު ހިމެނޭ ގޮތަށް އިޖުތިމާޢީ އިންސާފު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުހިންމު ޤާނޫނުތައް ފާހަގަކުރެއްވިއެވެ. އަދި، މަޖިލީހުގެ ކޮމިޓީތައް މެދުވެރިކޮށް މި ޤާނޫނުތައް ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރަމުންދާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ޒަމާނީ ފެންވަރެއްގައި އެހީ ދިނުމުގެ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ފަގީރުކަން ކުޑަކުރުމަށާއި ޒަރޫރީ ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި ލިބޭނެގޮތް ހެދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ޢަބްދުއްރަހީމް އަލިއަޅުއްވާލެއްވިއެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މެދުވެރިކޮށް އިޤްތިޞާދީ ބާރުވެރިކަން ކުރިއަރުވައި، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމަށާއި، އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިލޭ އެހީއާއި ލޯނާއި ތަމްރީނުގެ ޕްރޮގްރާމްތައް ޢަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގެ ގޮންޖެހުންތަކާއި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ވިދާޅުވީ ޑިޖިޓަލް ޒަމާނުގައި އެއްވެސް މީހަކު ފަހަތަށް ނުޖެހޭނެ ގޮތް ހެދުމަށްޓަކައި، އައިސީޓީ، ޑިޖިޓަލް އިންކްލޫޝަން، އަދި އީ-ގަވަރނަންސަށް ދިވެހިރާއްޖޭން އަހައްމިއްޔަތުކަން ދޭ ކަމަށެވެ.

އެމަނިކުފާނުގެ ތަޤްރީރުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއަށް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި، މިފަދަ ނާޒުކު ޤައުމުތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް އައިޕީޔޫގެ މެމްބަރުންނަށް އިލްތިމާސްކުރައްވައި، މޫސުމީ އިންސާފު ގާއިމުކުރުމަށް ގޮވާލެއްވިއެވެ.

މަޖިލީހުގެ ރައީސްގެ ތަޤްރީރު ނިންމަވާލައްވަމުން، އެއްބައިވަންތަކަމާއި މަޝްވަރާއާއި ސިޔާސީ ޢަޒުމް އާކުރުމަށާއި، އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، ކަރާމާތްތެރިކަމާއެކީ ދުނިޔޭގެ ސިޔާސަތު ކަނޑައެޅުމަށް ޤާނޫނު ހަދާ މަޖިލިސްތަކަށް އިލްތިމާސްކުރެއްވިއެވެ. އަދި، ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ޙާލަތާމެދު ދިވެހިރާއްޖޭގެ ކަންބޮޑުވުން ފާޅުކުރައްވައި، އެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ދެމެހެއްޓުމަށް ބައިނަލްއަޤްވާމީގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލެއްވިއެވެ.