ރާއްޖޭގެ ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ގެނައުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ އިންޓަރނޭޝަނަލް ޓްރާންސްފަރ ސެޓުފިކެޓު ހޯދުމުގައި ދިމާވާ ދަތިތައް ކަމަށް ކުލަބު ވެމްކޯއަށް އިރުޝާދުދެމުން އަންނަ ކާމިޔާބު ކޯޗު އަޙްމަދު އަދީލް ބުނެފިއެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ ވީއޭއެމް ކަޕަށް ވެމްކޯ ޓީމުން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އަދީލް ބުނީ ވެމްކޯގެ ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން ތައިލޭންޑުގެ ފުރަތަމަ ޑިވިޝަނަށް ކުޅެމުންދާ ދެ ކުޅުންތެރިއަކު ވެމްކޯ ޓީމަށް ގެނެސްފައިވާކަމަށެވެ.
ފާއިތުވެ ދިޔަ ސީޒަނުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ ވެމްކޯ، އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މުބާރާތް ފެށުމުގެ ކުރިން އެކި ދިމާތަކުން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފެށުނުކަމަށާ، އެގޮތުން ޔޫރަޕުގެ ކުޅުންތެރިންވެސް ވެމްކޯ ޓީމަށް ގެނައުމަށް މަސައްކަތް ކުރެވުނުކަމަށް އަދީލް ފާހަގަކުރިއެވެ.
"އެކަމު ވާގޮތަކީ މިހާރު ރާއްޖޭން ބޭރު ކުޅުންތެރިން ގެންނައިރު، އެބައޮވޭ އިންޓަނޭޝަނަލް ޓްރާންސްފަރ (އައިޓީސީ) އިނގޭތޯ. މިހާރު ވާގޮތަކީ (މިކަމުގައި) ވަރަށް ގިނަ އުނދަގޫ ތަކެއް އެބަހުރޭ އިނގޭތޯ" ބިދޭސީ ކުޅުންތެރިން ގެނައުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން އަދީލް ބުންޏެވެ.
"މިފަހަރު އަޅުގަނޑުމެން މިވިސްނީ ތައިލޭންޑުން ކުޅުންތެރިން ގެންނަން. ފަސޭހައިން، ކައިރިން ރަނގަޅު ޕްލޭޔަރުންވެސް ތައިލޭންޑުގައި އެބަ އުޅޭ" ވެމްކޯ ޓީމަށް ތައިލޭންޑުގެ ކުޅުންތެރިން ގެނައި ސަބަބު ހާމަކުރަމުން އަދީލް ބުންޏެވެ. އެހެންނަމަވެސް ސީޒަން ފެށުމާއެކު، މިކުޅުންތެރިންގެ ފެންވަރަށް ބެލުމަށްފަހު ސްކޮޑަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެބަދަލެއް ގެންނާނެކަމަށް އަދީލް ބުންޏެވެ.
ދުނިޔޭގެ ވޮލީ ބޯޅައިގެ މައި އިދާރާކަމަށްވާ އެފްއައިވީބީއިން ވަނީ ބައިނަލް އަޤްވާމީ ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ގެންދިއުމުގައި އަމަލުކުރަންޖެހޭ ވަކި އުސޫލެއް ކަނޑައަޅާފައެވެ. މިގޮތުން ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ޓްރާންސްފަރ ކުރުމަށް އައިޓީސީ (އިންޓަނޭޝަނަލް ޓްރާންސްފަރ ސަރޓިފިކެޓް) ހޯދުމަށް ލާޒިމުކުރެއެވެ. މިކަމާ ގުޅޭގޮތުން އަދީލް ބުނީ މި ސަރޓިފިކެޓް ހޯދުމަށް ކުލަބުގެ ހުއްދަ ބޭނުންވާއިރު، ބައެއް ގައުމުތަކުން މިކަމަށް ބޮޑު އަދަދަކުން ފީވެސް ނަގާކަމަށެވެ. އެހެންކަމުން މިއީ ބިދޭސީ ކުޅުންތެރިން ގެނައުމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަށް އޭނާ ފާހަގަކުރިއެވެ.
ފާއިތުވެ ދިޔަ ސީޒަނުގައި ހަތަރު ތަށި އުފުލާލި ވެމްކޯ ޓީމުން، ވީއޭއެމް ކަޕަށް ފޯރިއާއެކު ޕްރެކްޓިސް ފަށާފަވާއިރު މިފަހަރުވެސް ޓީމުން ނިކުންނާނީ ތަށި އުފުލާލުމުގެ ރޫހުގައި ކަމަށް މިދިޔަ ސީޒަނުގައިވެސް ވެމްކޯއަށް އިރުޝާދުދިން ކާމިޔާބު ކޯޗު އަދީލް ވަނީ ބުނެފައެވެ.
ވީއޭއެމް ކަޕް 2025 މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައެވެ.