ޚަބަރު

ހަމަޖެހުން ޤާއިމުކުރުމަށް ޖީސީޓީޕީއާއި އެންއޭއެމްގެ އެއްބަސްވުމަށް ނައިބު ރައީސްގެ ތަޙުނިޔާ


  • ޖީސީޓީޕީއަކީ ދުނިޔޭގައި ހަމަޖެހުމާއި އަމަން އަމާންކަން ޤާއިމުކުރުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއް

  • މި އެއްބަސްވުމާއެކު ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމަށް މަގު ފަހިވާނެ

ދުނިޔޭގެ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ގްލޯބަލް ކައުންސިލް ފޮރ ޓޮލަރެންސް އެންޑް ޕީސް، ޖީސީޓީޕީއާއި ނޮން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވަރކްއާ ދެމެދު އެއްބަސްވުމެއް އެކުލަވާލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޖީސީޓީޕީއާއި އެންއޭއެމް ޕާލިމެންޓަރީ ނެޓްވަރކާ ދެމެދު އެއްބަސްވުމެއް އެކުލަވާލާފައިވަނީ އުޒްބަކިސްތާނުގައި މިހާރު ކުރިއަށްދާ 150 ވަނަ އިންޓަރ ޕާލިމެންޓަރީ ޔޫނިއަން އެސެންބްލީގެ ހަވާސާގެ ތެރެއިންނެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވަނީ އެއްބަސްވުން އެކުލަވާލުމާ ގުޅިގެން ދެ ޖަމުޢިއްޔާއަށްވެސް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި އެއްބަސްވުމާ ގުޅިގެން ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމަށާއި ޑިޕްލޮމަސީގެ ރީތި އުޞޫލުތައް ކުރިއެރުވުމުގައި މުހިންމު ދައުރެއްއަދާކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޖީސީޓީޕީއާ ގުޅިގެން ރާއްޖެ މަސައްކަތްކުރުމަކީ ލިބޭ ފަޚުރެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ގްލޯބަލް ކައުންސިލް ފޮރ ޓޮލަރެންސް އެންޑް ޕީސް، ޖީސީޓީޕީއަކީ ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމާއި ދުނިޔޭގައި ހަމަޖެހުމާއި ސަލާމަތް ޤާއިމުކުރުމާއި ވަކި ނަސްލަކަށްވީތީ ކުރާ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ.