ކުޅިވަރު

ފުރާވަރުގެ ހަ ކުއްޖަކާއެކު ހުރާ، ކުރާ އުއްމީދު ބޮޑު


ވީއޭއެމް ކަޕް 2025 ގައި ވާދަކުރާ ހުރާ ކޮމިއުނިޓީ ކުލަބުން މުބާރާތަށް ނިކުންނާނީ ފުރާވަރު އުމުރުގެ ހަ ކުއްޖަކު ހިމެނޭހެން 90 އިންސައްތަ ރަށަށް ނިސްބަތްވާ ޒުވާން ޓީމަކާއެކު ކަމަށް އެ ކުލަބުގެ ކޯޗު މުޙައްމަދު ނަދީމު ބުނެފިއެވެ.

"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެމުން ނަދީމު ބުނެފައިވަނީ ހުރާ ކައުންސިލުގެ އިސްނެންގެވުމުގެ މަތިން މި ކުޅިވަރަށް ރަށުގެ ކުދިން ތައްޔާރުކުރުމުގެ މަސައްކަތްކުރާތާ ގާތްގަނޑަކަށް ދެ އަހަރުވަރު ވެއްޖެކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން، ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިން އުފެއްދިއްޖެ ކަމަށާއި މިއީ ވަރަށް ކާމިޔާބު ޕްރޮޖެކްޓެއް ކަމަށް ނަދީމް ފާހަގަކުރިއެވެ. ހުރާގެ ފަސްގަނޑަށް އުފަން ތަރިންތަކެއް މުބާރާތުން ވިދާލާނެކަމުގެ ޔަގީންކަން ދެމުން ނަދީމު ބުނީ މިކުޅުންތެރިން ގައުމީ ޓީމަށް ކުޅޭތަން ފެނުމަކީ އޭނާ ކުރާ ވަރަށް ބޮޑު އުންމީދެއްކަމަށެވެ.

"ވަރަށް ޒުވާން ކުޅުންތެރިން އެބަތިބި. 12،13،14،15 އެވަރުގެ ކުޅުންތެރިން އެބަތިބި، ގާތްގަނޑަކަށް އެބަތިބި ހަވަރަކަށް ކުޅުންތެރިން" ހުރާ ކޮމިއުނިޓީ ކުލަބާއި ގުޅޭގޮތުން ނަދީމު ބުންޏެވެ. ނަދީމު އިތުރަށް މައުލޫމާތު ދެމުން ބުނީ މި މުބާރާތަށް ޓީމުން ތައްޔާރުވާން ފެށިތާ ދުވަސްކޮޅެއްވެއްޖެކަމަށާ، ކޮލިފިކޭޝަން ރައުންޑާ ހިސާބުން ހުއްޓުމެއްނެތި ވަރަށް ފޯރީގައި ޕްރެކްޓިސްތައް ކުރިއަށްދާކަމަށެވެ.

ރަޝިއާއަށް ނިސްބަތްވާ ބިދޭސީ ދެކުޅުންތެރިއަކުވެސް ސްކޮޑުގައި ހިމެނޭކަން ފާހަގަކުރަމުން ނަދީމު ބުނީ އެ ދެ ކުޅުންތެރިންނަކީވެސް 21 އަހަރުގެ ޒުވާނުން ކަމަށާ އުއްމީދަކީ މިކުޅުންތެރިންގެ ސަބަބަބުން ޓީމު އިތުރަށް ވަރުގަދަވުންކަމަށެވެ. ވީއޭއެމް ކަޕަށް ހުރާ ކޮމިއުނިޓީ ކުލަބުން ނިކުންނާނީ ފަހަރަކު މެޗެއް ކާމިޔާބުކޮށް، ފައިނަލަށް ދަތުރުކޮށް، މުބާރާތުގެ ތަށި ހުރައަށް ގެންދިއުމުގެ އަޒުމުގައިކަމަށް ނަދީމުވަނީ ބުނެފައެވެ.

"ފުރަތަމަ ޓާގެޓަކީ ފުރަތަމަ ކުޅޭ މެޗުން ﷲގެ ރަހްމަތްފުޅާއެކު ކާމިޔާބެއް ހޯދަން މަސައްކަތްކުރުން" ހުރާ ކޮމިއުނިޓީ ކުލަބުން މަސައްކަތްކުރާނީ ހިތްވަރާއެކު މެޗުތަކުން ބަލިނުވެ ތަށްޓާ ހަމައަށް ދަތުރުކުރުމަށްކަމަށް ނަދީމު ބުންޏެވެ.

މީގެ އިތުރުން ނަދީމު ބުނީ ހުރާ ކައުންސިލުން އިސްނަންގަވާ ދެޖިންސުގެ ޒުވާނުން ވޮލީބޯޅައަށް ތަމްރީނުކުރުމަށް ފައްޓަވާފައިވާ ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަމަށެވެ. އެހެންކަމުން ވޮލީ ކުރިއެރުވުމަށް ރަށު ކައުންސިލުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ވަރަށް ޚާއްސަ ޝުކުރެއް ހައްގުވާކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ނަދީމު ބުނެފަވަނީ ހުރާ ޓީމުގެ އެންމެހާ ކަންކަން ލުއި ފަސޭހަ ކޮށްދިނުމުގައި މެއިން ސްޕޮންސަރުން އަދާކުރާ ދައުރުވެސް އެހާމެ ބޮޑު ކަމަށެވެ. ހުރާ ކޮމިއުނިޓީ ކުލަބުގެ މެއިން ސްޕޮންސަރުންކަމަށްވާ ސީޝައިން ޓްރެވެލް އެންޑް އެންޑް ޓުއާރޒް، އެމްއޭ މެރީން، ބޭކް އަވޭ އަދި ދަރްބާރުން ދެމުންދާ ޚިދުމަތްތައް ފާހަގަކޮށް އެފަރާތްތަކަށްވެސް ހިތުގެ އަޑިން ޝުކުރު އަދާކުރާކަމަށް ނަދީމް ބުންޏެވެ. މީގެ އިތުރުން ހުރާގެ ރައްޔިތުންނަކީ ކުޅިވަރަށް ފޯރި ހުންނަ ބަޔަކަށްވެފައި އެފަރާތްތަކުން ޓީމަށްދޭ އެއްބާރުލުމާ އެހީ ހުރާ ކޮމިއުނިޓީ ކުލަބުން ބަލައިގަންނަނީ ވަރަށް އުފަލާއެކު ކަމަށް ނަދީމުވަނީ ފާހަގަކޮށްފައެވެ.

"ޓީމަށް ކަންކަން ލުއިފަސޭހަވެގެންދަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު، މިގޮތުން ކައުންސިލާ މެއިން ސްޕޮންސަރުން، ހުއްރިއްޔާ ސްޕޯޓްސް ކުލަބު، ހުރާ ސްކޫލު އަދި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ޚާއްސަގޮތެއްގަ ފާހަގަކޮށްލެވޭ. މީގެ އިތުރުން ޓީމަށް އެހީތެރިކަން ފޯރުކޮށްދޭ ހަމަ ހުރިހާ ފަރާތްތަކެއްވެސް ޝުކުރުގެ ލިސްޓުގަ ހިމެނޭނެ އިނގޭތޯ" ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ހުރާ ކޮމިއުނިޓީ ކުލަބުގެ ކޯޗު ފާހަގަކުރިއެވެ.

ވީއޭއެމް ކަޕަށް ހުރާ ކޮމިއުނިޓީ ކުލަބު ކޮލިފައިވެފަވަނީ ޕްރެލިމިނެރީ ބުރުގައި ކުލަބު ހާފްލައިން ލިންކޭޖާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ މަގާމު ހޯދައިގެންނެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކުރާ ވީއޭއެމް ކަޕު މާދަމާ ފެށޭއިރު، މި މުބާރާތުގައި ހުރާ ކޮމިއުނިޓީ ކުލަބުން ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ވޮލީ ބޯލް ޔޫތު ނިއު ޖެނެރޭޝަންއާއެވެ. މިމެޗު ތާވަލުކޮށްފަވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ހަތަރު ގަޑި ތިރީހަށެވެ. ވީއޭއެމް ކަޕުގެ ކުޅުން ކުރިއަށްދާނީ މާލޭ ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލުގައެވެ.