ކުޅިވަރު

ޓީމާ މެދު ފުރިހަމައަށް އިތުބާރު އެބައޮތް: ޕޮލިސް ކުލަބުގެ ކޯޗު


ވީއޭއެމް ކަޕް 2025 އަށް ޕޮލިސް ކުލަބު ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު މުނާ މުނީރު ބުނެފިއެވެ.

ވޮލީ ސީޒަނަށް ޕޮލިސް ކުލަބުން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދެމުން މުނާ ބުނީ ޕޮލިސް ކުލަބުން އެންމެ ބޮޑަށް އިސްކަންދީފައިވާނީ ގަވާއިދުން ޕްރެކްޓިސްތައް ކުރުމަށްކަމަށެވެ. މިގޮތުން މުބާރާތާ ކުރިމަތިލަނީ ވަރުގަދަ އަޒުމަކާ އެކުކަމަށާ، އަޒުމަށް ވާސިލުވުމަށް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެކަމަށެވެ. އުންމީދަކީ ވީއޭއެމް ކަޕުގެ ތަށި މި އަހަރު އުފުލާލާ ކުލަބަކީ ޕޮލިސް ކުލަބު ކަމުގައި ހެދުންކަމަށް މުނާ ބުންޏެވެ.

"ވަރަށް ގަވާއިދުން ޕްރެކްޓިސްކޮށްގެން ތަށި ހޯދުމަށް އެކުރަންޖެހޭ މަސައްކަތެއް ހަމަ ހުރިހާ ކުދިންވެސް ދިޔައީ ކުރަމުން މިހާ ހިސާބަށް" ޓީމާ ގުޅޭގޮތުން މުނާ ބުންޏެވެ.
ޓީމުގެ ކުޅުމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ހާމަކުރަން ބޭނުން ނުވާކަމަށް ބުނަމުން މުނާ ބުނީ މުބާރާތް ކުރިއަށްދާ ގޮތަކުން ޓީމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އިތުރު ކަންކަން ރާވާނެކަމަށެވެ. އަދި ޕޮލިސް ޓީމަކީ ވަރުގަދަ ޓީމެއްކަން ފާހަގަކުރަމުން މުނާ ބުނެފަވަނީ ޓީމަށް ފުރިހަމައަށް އިތުބާރު އެބައޮތްކަމަށެވެ. ޕޮލިސް ޓީމުން އެކަތިގަނޑެއްގެ ގޮތުގައި އެކުވެ، ޓީމެއްގެ ގޮތުގައި މޮޅުކުޅުމެއް ދައްކާނެކަމާމެދު އޭނާއަށް ޔަގީންކަން އެބައޮތްކަމަށް މުނާ ފާހަގަކުރިއެވެ.

"ވަރަށް ބޮޑަށް ޓީމެއްގެ ގޮތުގައި ޓީމު އޮތީ. އެހެންވީމަ އީޗް އެންޑް އެވްރީވަން ހަމަ ވަރަށް ބޮޑަށް ޓްރަސްޓް އެބައޮތް" ޕޮލިސް ކުލަބުގެ ކޯޗު މުނާ ބުންޏެވެ.

ޕޮލިސް ކުލަބާ ބިދޭސީ ދެ ކުޅުންތެރިން ގުޅިފައިވާ ކަމަށާ އެކުޅުންތެރިންގެ ކުޅުމާ ދޭތެރޭ އޭނާ ވަރަށް ހިތްހަމަޖެހޭކަމަށް މުނާ ފާހަގަކުރިއެވެ. ޕޮލިސް ޓީމާ ގުޅިފައިވަނީ ބްރެޒިލް އަދި ގްރީސްއަށް ނިސްބަތްވާ ދެ ކުޅުންތެރިންކަމަށް އޭނާ ބުންޏެވެ. އަދި އެކުޅުންތެރިން ޓީމާ ގުޅިފައިވަނީ ސީޒަން ނިންމާލިގޮތަށް ކަމަށާ އެހެންކަމުން އެކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑަށް ފޯމުގައި ކަމަށް މުނާގެ ވާހަކައިގައި ފާހަގަކުރިއެވެ. ބިދޭސީ ކުޅުންތެރިން ޓީމާ ގުޅިފަވަނީ މީގެ ދެދުވަސްވަރު ކުރިންކަމަށްވާއިރު، މިހާރުވެސް ޓީމާ އެކުވެ ރަނގަޅު ކުޅުމެއް ދައްކަމުންދާކަމަށް މުނާ ބުންޏެވެ.

މުބާރާތުގައި ވާދަކުރާ ހުރިހާ ޓިމެއް ފަދައިން ޕޮލިސް ކުލަބުންވެސް މި ނިކުންނަނީ ތަށި އުފުލާލުމަށް ކަމަށް މުނާ ބުންޏެވެ.

"އަޅުގަނޑުމެންވެސް ހަމަ ތައްޓަށް މިކުޅެނީ" މުނާގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

ވީއޭއެމް ކަޕުގެ އޯޕަނިންގ މެޗުގައި ޕޮލިސް ކުލަބުން ނިކުންނާނީ މި މުބާރާތަށް މުޅިން އަލަށް ކޮލިފައިވެފައިވާ ނައިފަރު ޖީޖީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.