ކޮމިޔުނިޓީ ރީ-އިންޓަގްރޭޝަން ފަރުވާގެ ޚިދުމަތް 100 އަށްވުރެ ގިނަ ރަށްރަށުގައި ފަށައިފިއެވެ.
ކޮމިޔުނިޓީ ރީ-އިންޓަގްރޭޝަން ފަރުވާއަކީ މަސްތުވާތަކެއްޗަށް ދެވިހިފައިފާވާ މީހުން، އަމިއްލަ ގޭގައި ހުރެގެން ފަރުވާދީގެން، އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ފުރަތަމަ މަރުޙަލާގައި ދެވޭ ފަރުވާއެވެ. އެއީ ޑިޓޮކްސިފިކޭޝަންގެ ފަރުވާއެވެ. މިއީ އިންސާނާގެ ހަށިގަނޑުގައި މަސްތުވާތަކެތީގެ ވިހަ ދުއްވާލުމަށް ދެވޭ ފަރުވާއެވެ. ރާއްޖޭގައި މިކަން ކުރަނީ ބޭހެއް ދީގެންނެވެ.
ނެޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވީ ކޮމިޔުނިޓީ ރީ-އިންޓަގްރޭޝަން ފަރުވާގެ ޚިދުމަތް ރަށްރަށުގައި ފަށާފައިވަނީ ކައުންސިލްތަކާއި ޞިއްހީ މަރުކަޒުތަކާ ގުޅިގެން ކަމަށެވެ. އަދި މި ޚިދުމަތް މާލެ ސަރަހައްދުގައި ޤާއިމުކޮށްފައިވާ 4 ތަނަކުން ލިބޭނެކަމަށެވެ. އަދި ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުންވެސް އެ ޚިދުމަތް ލިބޭނެކަމަށް އެންޑީއޭއިން ވިދާޅުވިއެވެ.
އެންޑީއޭއިން ވިދާޅުވީ މިހާރު 100 އަށްވުރެ ގިނަ ރަށްރަށުގައި ކޮމިޔުނިޓީ އިންޓަގްރޭޝަން ފަރުވާ ފަށާފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުތަކުންވެސް މި ފަރުވާ ލިބޭނެކަން އެ އިދާރާއިން ފާހަގަކުރައްވައެވެ.
ދިގު ކިއުގައި ތިބެން ނުޖެހި ފަރުވާ ލިބޭނެގޮތް ހެދުމުގެ ގޮތުން ސެންޓަރަކަށް ނުގޮސް، އަމިއްލަ ރަށުގެ ގޭގައި ހުރެގެން ޑިޓޮކްސިފިކޭޝަން ފަރުވާ ލިބިގަނެވޭނެ އައުޓް ޕޭޝަންޓް ޓްރީޓްމެންޓް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް އެންޑީއޭއިން ވަނީ މިއަހަރުގެ ތެރޭގައި ފަށްޓަވާފައެވެ. މި ނިޒާމު ރާއްޖޭގައި ޤާއިމުކޮށްފައި މިވަނީ މުޅިން އަލަށެވެ.
ރަށްރަށުގައި ތިބެގެން ރީ-އިންޓަގްރޭޝަން ފަރުވާ ދެވެން ފެށުމުން ޑިޓޮކްސިފިކޭޝަން ފަރުވާ ގިނަ ބަޔަކަށް އެއްފަހަރާ ދިނުމުގެ މަގު ފަހިވާނެކަން އެންޑީއޭއިން ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތިން އަރައިގަތުމަށް ފަރުވާދޭ 6 ސެންޓަރެއް ރާއްޖޭގައި ހުރެއެވެ. ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ފަރުވާއަށް ބޭނުންވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ ސެންޓަރުތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތެވެ. އެ ގޮތުން ހިންމަފުށީގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރަށް 1000 ޖާގަ އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.