ކުޅިވަރު

އެކުވެރިކަމުގެ ފުރަތަމަ މެޗު ރާއްޖެއަށް


ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމާއި ލަންކާގެ ޓީމަކާއެކު ކުޅޭ އެކުވެރިކަމުގެ ސިލްސިލާ މެޗުތަކުގެ ތެރެއިން ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު މިމެޗުން ލަންކާގެ ކެންޑީ ޓީމުގެ މައްޗަށް ދިވެހި ޓީމް ކުރި ހޯދީ 11 ލަނޑުންނެވެ.

20 އޯވަރަށް ކުޅެން ހަމެޖެއްސި މެޗު ވިއްސާރަވުމުން ކުޅެފަވަނީ 15 އޯވަރަށެވެ. މެޗުގެ ގުރުދިމާވުމުން ރާއްޖެ ޓީމުން ކުޅެންއަރާ 15 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިޔަކު ނުބައިވެގެން ހެދުނީ 138 ލަނޑެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 40 ބޯޅައިން 46 ލަނޑު ހެދި މުހައްމަދު އައްޒާމްއެވެ.

ޖަވާބުގައި ލަންކާ ޓީމުން ކުޅެންއަރާ 15 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 40 ބޯޅައިން 62 ލަނޑުހެދި އަބްދުލް ފަރީދު މުހައްމަދު މުޖީބުއެވެ.

ހަތަރު މެޗު ކުޅުމަށް ތާވަލުކޮށްފައިވާ އެކުވެރިކަމުގެ މެޗުތަކުގެ ފުރަތަމަ ދެ ދުވަހު ކުރިއަށްދާނީ ޓީ20 ދެ މެޗު ކަމަށާއި، އެއަށްފަހު ކުރިއަށްދާނީ 50 އޯވަރުގެ ދެ މެޗު ކަމަށް ކުރިކެޓް ބޯޑުން މައުލޫމާތުދެއެވެ.