ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގައި އަސްދިގަ ސްޕޯޓްސް ކުލަބާއި ވާދަކޮށް ސިޓީ ފްރެންޑްސް ކުލަބުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ސިޓީ ފްރެންޑްސް ގެންދިޔައީ 25-07، 25-12، އަދި 25-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީ ފްރެންޑްސްގެ ބިދޭސީ ކުޅުންތެރިޔާ ސޮމްވިޕަންގްއެވެ.
މުބާރާތުގެ ކުޅުނު ފުރަތަމަ މެޗުން ފްލެކްސަރ ސްޕޯޓްސް ކުލަބު އަތުން ބަލިވި ނަމަވެސް މިމެޗުން ސިޓީ މޮޅުވީ އުނދަގޫ ކަމެއް ނެތިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރު ފިރިހެން އަދި އަންހެން ލީގު ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ވަކިވަކިންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްދަނީ އަންހެން މުބާރާތްތަކެވެ.