ޚަބަރު

ދިވެހިވަންތަކަން ދެމެހެއްޓޭނީ ދިވެހިބަހާއި ޤައުމިއްޔަތަށް އަޅުގަނޑުމެން އަހުލުވެރިވި މިންވަރަކުން


  • ދިވެހިބަހުގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2015 ވަނަ އަހަރު

  • މިފަހަރުގެ ޝިޢާރަކީ "އިސްކުރާނީ ދިވެހިބަސް"

  • ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ މުހިންމު އުންސުރެއް

ދިވެހިބަހުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ރާއްޖޭގެ އެންމެ އުފެއްދުންތެރި އަދީބުގެ ގޮތުގައި މަޝްހޫރުވެފައިވާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ދުވަހާ ގުޅުވައިގެންނެވެ.

ދިވެހި ބަހަކީ ދިވެހި ގުޅުންތަކުގެ ރަމްޒެވެ. އެއީ ދިވެހި ގޮތްތަކާއި އުޅުންތެރިކަމަށް ދިރުން ގެނެސްދޭ ދަންމަރެވެ. އެއީ ޝަރަފާއި ޢިއްޒަތް މި ފަސްގަނޑަށް ދޭ ހަނދުވަރެވެ. އާދެ! ދިވެހިބަހަކީ އަޅުގަނޑުމެންގެ މާދަރީބަހެވެ. ޒަމާނުންސުރެ ދިވެހިން މުޢާމަލާތުކުރަމުން އައި ބަހެވެ.

ދިވެހިބަހަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި ސަގާފަތާއި އުޅުންތަކާއި ގުޅުންތައް ގުޅުވައިދޭ މެދުވެރިޔާއެވެ. ދިވެހިންގެ އަސްލުވަންތަކަމުގެ އެންމެ މުހިންމު އެއް ބަހާއަކީވެސް އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިބަހެވެ. ދިވެހިބަހުގެ ދުވަހެއް ފާހަގަކުރަނީ މި ދެންނެވި ސަބަބުތަކާ ގުޅިގެންނެވެ.

ދިވެހިބަހުގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2015 ވަނަ އަހަރުއެވެ. މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑެމީން ކަނޑައަޅުއްވާފައިވަނީ "އިސްކުރާނީ ދިވެހިބަސް" މި ޝިޢާރެވެ.

ދިވެހިބަހުގެ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދިވެހިބަހުގެ އުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ، ދިވެހިބަހުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ މި ބަސް ދިވެހިންނަށް މުހިންމުވާ މިންވަރު މީހުންގެ ހިތްތަކަށް ވައްދައިދިނުން ކަމަށެވެ. އެގޮތުން ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ މުހިންމު އުންސުރެއްކަމަށް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

"މިހާ ޒަމާންތަކެއް ވަންދެން ދެމެހެއްޓި ބަހެއް މިއީ. ދިވެހިންގެ ދެމިއޮތުމަށްޓަކައި ދިވެހިބަހަކީ ކޮންމެހެން މުހިންމު އެއްޗެއް. އެއާ ނުލައި ދިވެހިވަންތަކަމެއް ނޯންނާނެ." ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

ޢަބްދުލްޢަޒީޒް ވިދާޅުވީ ދިވެހިބަހުގެ ދުވަހު އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭންވީ ދިވެހިބަހަށް ހޭލުންތެރިވެ، އަހުލުވެރިވުމަށް ޢަޒުމު ކަނޑައެޅުމަށް ކަމަށެވެ. އަދި ދިވެހިބަސް އަޅުގަނޑުމެންނަށް ނޭނގުމުން ދޭހަކޮށްދެނީ ދިވެހިބަހުގެ ފަޤީރުކަން ނޫންކަމަށާއި އެއިން ދޭހަކޮށްދެނީ ބަހަށް އަހުލުވެރިވެފައިވާ މިންވަރުގެ ކުޑަކަންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ދިވެހިބަހުން ރަނގަޅަށް މުޢާމަލާތުކުރަން ދަސްކުރުމަށް ޢަބްދުލްޢަޒީޒް އިލްތިމާސްކުރެއްވިއެވެ. އަދި އަޅުގަނޑުމެން ޝަރަފުވެރިވެ، ދިވެހިވަންތަކަން ދެމެހެއްޓޭނީ ދިވެހިބަހަށާއި ޤައުމިއްޔަތަށް އަހުލުވެރިވި މިންވަރަކުންކަންވެސް ޢަބްދުލްޢަޒީޒް ފާހަގަކުރެއްވިއެވެ.

ދިވެހިބަސް ދިރުވާ އާލާކުރުމަށާއި ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށް ދެމެހެއްޓުމަށް އަދުގެ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވައެވެ. އެގޮތުން މިކަމަށް ޚާއްސަކޮށް އުފެއްދެވި ދިވެހިބަހާ ބެހޭ ވުޒާރާއިން އަންނަނީ ޤައުމިއްޔަތު އަލުން އިޢާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ފަށާފައިވާ މަޝްރޫޢުގެ ތެރެއިން މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ޤައުމިއްޔަތުގެ ކޮލެޖެއް އުފެއްދެވުމުގެ މަސައްކަތާއި، ޤައުމީ ޗާޕުޚާނާ އަލުން އިޢާދަކުރުމަށްކުރާ މަސައްކަތާއި، ތަރިކަ ދިރާސާކުރާ ދިރާސާވެރިންގެ ގުރޫޕެއް އުފެއްދެވުމާއި ދިރާސާގެ މަސައްކަތްތައް ފެށުން ހިމެނެއެވެ.

މީގެ އިތުރުން ދިވެހިބަހަށް ލޯބި ޖެއްސުމުގެ ގޮތުން ދިވެހިބަހަށް ހޭލުންތެރިކުރުވުމުގެ ޤައުމީ މަޝްރޫޢެއް މި ދައުރުގައި ފެށޭނެކަމަށް ދިވެހިބަހާ ބެހޭ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ދިވެހިބަހަށް އިސްކަންދީ، ބަސް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރައްވަމުން އަންނައިރު، ބަހަށް އަހުލުވެރިވުމަށް އަޅުގަނޑުމެންވެސް ސަމާލުކަންދޭންޖެހެއެވެ. ދިވެހިވަންތަކަން ހިފެހެއްޓޭނީ އޭރުންނެވެ. އެހެނީ އެ ބަހަކީ ދިވެހިންނާއި އެހެން ކަރަތަކާ ތަފާތުކޮށްދޭ ހުރަހެވެ.