ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ދަށުން 28 ރަށެއްގައި މިހާތަނަށް އޭޓީއެމް ބަހައްޓާފައިވާކަމަށް އެބޭންކުން ވިދާޅުވެއްޖެއެވެ.
"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢު އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސޮއިކޮށް ފެށި މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރުގެ ނިޔަލަށް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ސަބަބުން ބޭންކިންގ ނިޒާމަށް ވަންނަ ފައިސާ އިތުރުވާން މަގު ފަހިވެގެންދާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
މިދިޔަ އަހަރެއްހާ ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު އެކި ރަށްތަކުގައި ޤާއިމްކޮށްފައިވާ ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކަށް އެވްރެޖްކޮށް 30،000 މުއާމަލާތް ކުރެއެވެ. އަދި މި މުއާމަލާތްތަކުގެ އަދަދު 99 މިލިއަން ރުފިޔާއަށް އަރައެވެ. ބީއެމްއެލް އޭޓީއެމްތަކުން ދުވާލެއްގެ މައްޗަށްކުރާ މުއާމަލާތްތަކުގެ ދެބައިކުޅައެއްބައި ހިއްސާކުރަނީ މާލެ ސިޓީ ނޫން އެހެން ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ އޭޓީއެމްތަކުން ކުރާ މުޢާމަލާތްތަކެވެ. އަދި މި މުޢާމަލާތްތަކުގެ އަދަދު 41 މިލިއަން ރުފިޔާއަށް އަރައެވެ.
ނިމިދިޔަ ފެބްރުއަރީ މަހު، ދ. އަތޮޅުގައި ބެހެއްޓި އޭޓީއެމްތަކުން ކުޑަ ދުވަސްކޮޅެއް ތެރޭގައި 12،000 މުއާމަލާތްކޮށްފައިވާއިރު، މި އޭޓީއެމްތައް މެދުވެރިކޮށް 10.2 މިލިއަން ރުފިޔާ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކައެވެ.
އަދި ހއ. އަތޮޅުގައި މިދިޔަ މަހު ފަހުކޮޅު ގާއިމްކުރެވުނު އޭޓީއެމްތަކާއެކު އެ އަތޮޅުގެ އޭޓީއެމްތަކުން މިހާތަނަށް ވަނީ 15 މިލިއަނެއްހާ ރުފިޔާ އެކައުންޓްތަކަށް ޖަމާކޮށްފައެވެ. މިއީ ދުވާލަކަށް 1350 މުއާމަލާތެވެ. ބީއެމްއެލްއިން ވަނީ މި ފައިސާ އަކީ އޭޓީއެމް ޚިދުމަތް ނުދޭނަމަ، ބޭންކިން ނިޒާމަށް ނުވަންނާނެ ފައިސާކަން ފާހަގަކޮށްފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރުޢު ފެށިފަހުން މިވީ 5 މަސް ދުވަހުގެ ތެރޭގައި 28 އޭޓީއެމް ބީއެމްއެލްއިން ވަނީ ބަހައްޓާފައެވެ. މިވަގުތުވެސް 6 އަތޮޅެއްގެ 40 ރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މިއާޢެކު އަހަރު ނިމޭއިރު ބީއެމްއެލްގެ 250އަށް ވުރެ ގިނަ އޭޓީއެމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނާނެކަމަށް ބޭންކުން ވިދާޅުވެއެވެ.
މި އޭޓީއެމްތަށް ބޭންކުން ބަހައްޓަމުންދަނީ ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުން ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިންގ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭ ގޮތަށެވެ. މިއާއެކު އޭޓީއެމްގެ ބޭނުން ކުރާ ހުރިހާ ފަރާތަކުންވެސް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް ވަކި ކަންކަމަށް ސަމާލުވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި ބާވެފައިވާ ފައިސާއާއި، ފައިސާ ނޫޓު ނޫން އެހެން އެއްޗެތި ނުލުމާއި ވަކި ލާރި ނުލުމަށް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.
ބޭންކުގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ބޭންކިންގ ހިދުމަތްތަށް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމަށް ބޮޑެތި މަސައްކަތްތަކެއްވެސް ބީއެމްއެލްއިން ދަނީ ކުރަމުންނެވެ. މިގޮތުން ކަސްޓަމަރުން ބޭނުންވާފަދަ ފަސޭހަ އަދި ރައްކާތެރި ހިދުމަތްތައް ދިނުމަށް އަޅުގަނޑުމެން ބައިނަލްއަޤްވާމީ ކާޑު ނެޓްވޯކްތަކާއި ޕޭމަންޓް ސޮލިއުޝަންދޭ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް މުހިންމު މަސައްކަތްތަކެއްވެސް ކުރެވިގެންދާއިރު، ބޭންކުގެ ހުރިހާ ޚިދުމަތެއްވެސް ގޭގައި ތިއްބަވައިގެން ލިބޭނެ އިންތިޒާމުތައް ބީއެމްއެލްއިން ވަނީ ހަމަޖައްސަވާފައެވެ.