މަޑުލު ވަޙީދަކީ ބަހުގެ އެކި ދާއިރާތަކަށް ޚިދުމަތްކުރެއްވި އުފެއްދުންތެރި އަދީބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާއެކުގައި ކަމަށެވެ.
މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ދުށް ކުޅަދާނަ ލިޔުންތެރިއެއް، ތަރުޖަމާކުރުންތެރިއެއްގެ އިތުރުން ދިވެހިބަހުގެ އަދީބެެއް ކަމަށެވެ. އަދި އޭނާއަކީ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޚިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ޚިދުމަތްތެރިއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި މަޑުލު ވަހީދު ޤައުމަށް ކޮށްދެއްވާފައިވާ ބައެއް ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދެއްވާ، 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ޤައުމަށް އެކި ދާއިރާތަކަކުން ޚިދުމަތް ކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މާތްﷲ މިންވަރުކުރައްވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.
إِِنَّا لِلَّٰهِ وَإِنَّـا إِلَيْهِ رَاجِعُوْنَ
— Dr Mohamed Muizzu (@MMuizzu) April 14, 2025
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއި އެކުއެވެ.
މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ، ދިވެހިބަހުގެ އަދީބެކެވެ. ދިވެހިރާއްޖޭގެ ފަހުގެ… pic.twitter.com/S7PLPlXTC1
މަޑުލު މުޙައްމަދު ވަޙީދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައިކަމަށެވެ. ނައިބު ރައީސް ވަނީ މަރްޙޫމްގެ މުޙައްމަދު ވަޙީދުގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Hussain Mohamed Latheef (@HucenSembe) April 14, 2025
ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައެވެ. މަރްޙޫމްގެ މުޙައްމަދު ވަޙީދުގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. މާތްﷲ… pic.twitter.com/MKEAjOI8jt
މަޑުލު މުޙައްމަދު ވަޙީދަކީ ވަރަށް ގިނަ ދާއިރާތަކުން ދިވެހި ޤައުމަށް ޚިދުމަތްކޮށްދެއްވި ދިވެހިބަހުގެ ވަރުގަދަ ޝަޚުޞިއްޔަތެކެވެ. އަދަބީ ތަފާތު ލިޔުއްވުންތައް ލިޔުއްވިއެވެ. ޢަރަބިބަހާއި އިނގިރޭސިބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހިބަހުގެ ހަމަތަކަށް ފެތޭ ގޮތަށް ތަރުޖަމާކުރެއްވިއެވެ. ބަހުގެ އެކި އިދާރާތަކާއި ކުންފުނިތަކުތަކުގެ އިސް މަޤާމުތައް ފުރުއްވިއެވެ. ވަޙީދަކީ ވަރަށް ގިނަ ބައެއް ދިވެހިބަހުގެ މުދައްރިސެއްވެސްމެއެވެ.
ވަޙީދުގެ ޚިދުމަތްތައް ފާހަގަކުރައްވައި، ދިވެހި ސަރުކާރުން ވަނީ ލިޔުންތެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން 1985 ވަނަ އަހަަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ދެއްވާފައެވެ. އަދި ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997ވަނަ އަހަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާއިރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވަޙީދަށް ލިބިވަޑައިގެންފައިވެއެވެ.