ދިވެހިރާއްޖެއިން ބޭރުގެ 3 ޤައުމަކަށް ކަނޑައަޅާ ނޮން-ރެޒިޑެންޓު ސަފީރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ. ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވަނީ ސްވިޑަން، ސީޝެލްސް އަދި އޮސްޓްރޭލިޔާއަށެވެ.
• ދިވެހިރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު ޝާން ޝާކިރު، ސްވިޑަންއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް
• ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު، ސީޝެލްސްއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް
• ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، އޮސްޓްރޭލިޔާއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް
ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިގެންނެވެ.
ސަފީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ފޮނުއްވާފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ. ޤައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ކޮމިޓީން މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަށްފަހުއެވެ.