ސަޢޫދީ ފަންޑުގެ އެހީއާ އެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ ތަރައްޤީގެ ދުވެލި ހަލުވެ، މުޅި އިޤްތިސާދަށް ކުރިއެރުން ލިބޭނެކަމަށް މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު، މޫސާ ޒަމީރު ވިދާޅުވެއްޖެއެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ ދެވަނަ އެޑިޝަނަލް ލޯނުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓާއިއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މާލީ ވަޒީރު، މޫސާ ޒަމީރު ވިދާޅުވީ، ސަޢޫދީ ފަންޑަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގައި އެހީތެރިކަން ފޯރުކޮށްދެމުންދާކަން ވަޒީރު ޒަމީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ސަޢޫދީ ފަންޑުން ރާއްޖެއަށް އެންމެ ފުރަތަމަ ދިން ލޯނަކީ 1978 ވަނަ އަހަރު މާލޭ ވައިގެ ބަނދަރު ތަރައްޤީކުރުމަށް ދިން ލޯނެއް ކަމަށެވެ. އަދި އެހިސާބުން ފެށިގެން މިހާތަނަށް ސަޢޫދީ ފަންޑުގެ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މާލީ ވަޒީރު ވިދާޅުވީ، ސަޢޫދީ ފަންޑުގެ އެހީގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢު އިތުރަށް ހަލުވިވެ، ފުޅާވެގެންދާނެކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި މި މަޝްރޫޢުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތަކެއް އުފެދި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"63.75 މިލިޔަން ސައުދީ ރިޔާލުގެ މި އިތުރު ފައިނޭންސިންގއަކީ އަޅުގަނޑުމެންގެ ތަރައްޤީގެ ވިޝަނަށް ކުރައްވާ އިތުބާރުގެ ހެއްކެއް. އަދި ނަތީޖާ ޙާޞިލުކުރުމަށް އަޅުގަނޑުމެން ގުޅިގެން ކުރާ މަސައްކަތް އަލުން ހަރުދަނާކޮށް ދަމަހައްޓާކަމުގެ ހެއްކެއް. މި އެހީތެރިކަމަކީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫން. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، އެކުވެރިކަމުގެ ބަދަހި ގުޅުން ދަމަހައްޓައި، އިތުރަށް ފުޅާކުރުމުގެ ނިޝާނެއް." ވަޒީރު ވިދާޅުވިއެވެ.
މާލީ ވަޒީރު ވިދާޅުވީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓާއެކު ޤާއިމުކުރެވުނު މި އައު އިސްތިރާޖީ ގުޅުމުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. އަދި މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށް ގަދައަޅައި މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަންވެސް މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު، މޫސާ ޒަމީރު ވަނީ ދެއްވާފައެވެ.
ސަޢޫދީ ފަންޑަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ވަރަށް މުހިންމު ބައިވެރިއެކެވެ. ސަޢުދީ ފަންޑުން ވަނީ ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިޔަން ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ އެހީ މިހާތަނަށް ފޯރުކޮށްދީފައެވެ. ޚާއްޞަކޮށް، 2024 ވަނަ އަހަރުގެ މޭ މަހު، ސަޢުދީ ފަންޑުން ވަނީ މުހިންމު ދެ މަޝްރޫޢުއަކަށް 150 މިލިޔަން ޑޮލަރުގެ ލޯނު ދޫކޮށްފައެވެ. އޭގެ ތެރެއިން 100 މިލިޔަން ޑޮލަރު ދޫކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށެވެ. މީގެ މަޤްޞަދަކީ ފަތުރުވެރިކަމާއި އިޤްތިޞާދީ ކުރިއެރުން އިތުރުކުރުމެވެ. އަދި 50 މިލިޔަން ޑޮލަރު ދޫކޮށްފައިވަނީ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ މަޝްރޫޢުއަށެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިން ހޮސްޕިޓަލެއް އިމާރާތްކޮށް، ޞިއްޙީ ޚިދުމަތްތައް ފުޅާކުރެވޭނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.