ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓް މަހަށް ފަސްވުމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ބާއްވަން މަސައްކަތްކުރާ ވާދަވެރި ފުޓްބޯޅަ މުބާރާތް މި މަހުގެ 30 ގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު ވިދާޅުވެއްޖެއެވެ.
އެފްއޭއެމްއިން ވަނީ މި މުބާރާތް ބޭއްވުމާއި މެދު ޚިޔާލުހޯދުމަށް ކުލަބުތަކަށް މިމަހު އަންގާފައެވެ. އެފްއޭއެމްއިން ކުލަބުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ވާދަވެރި މުބާރާތެއް ބޭއްވުމުގެ ގޮތުން ފީފާއާއި އޭއެފްސީ އާއި ސަރުކާރާއި އެކު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މިމަހުގެ ފަހު ހަފްތާއިން ފެށިގެން މެއިމަހުގެ ނިޔަލަށް މުބާރާތެއް ބޭއްވުމަށް އެ މަޝްވަރާތަަކަށްފަހު ނިންމާފައިވާ ކަމަށެވެ.
"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ މިހާތަނަށް ހަތަރު ކުލަބަކުން އެ މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ އަދި އެހެން ކުލަބުތައްވެސް މި މުބާރާތުގައި ބައިވެރިކުރުމުގެ މަސައްކަތް އެފްއޭއެމުން ކުރަމުންދާ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް އަންގާރަ ދުވަހުގެ ހަވީރު 16:00 އާއި ހަމައަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށް މިހާތަނަށް އެފްއޭއެމްއަށް އަންގާފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އޮޑި ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ވިކްޓަރީ ސްޕޯޓްސް ކުލަބުންނެވެ. އިތުރު ކުލަބަކުން ބައިވެރިނުވި ނަމަވެސް ކެންސަލް ނުކޮށް މި މުބާރާތް ބާއްވަން އެފްއޭއެމްއިން ވަނީ ނިންމާފައެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން މި މަހުގެ 10 ގައި ފަށާގޮތަށް ކުރިން ހަމަޖައްސައި، އެފްއޭއެމްއިން އެކަން ކުލަބުތަކަށް އެންގިއެވެ. އަދި އައު ސީޒަނަށް ތައްޔާރުވުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ކުލަބުތަކަށް 9 މިލިއަން ރުފިޔާވެސް ދީފައެވެ. ކުލަބުތަކުން މާލީ މައްސަލަތައް ހައްލުކޮށް އައު ސީޒަނަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތްވެސް ފެށިއެވެ. އަދި ގިނަ ކުލަބުތަކުން ފޯރީގައި ފަރިތަކުރަމުންދަނިކޮށް ސީޒަން ފެށުން ހުއްޓުވީ އޭއެފްސީގެ ގަވަރނަންސް މެނޭޖަރު އަޙްމަދު ހައްރާޒެވެ.
ރާއްޖޭގައި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ބޮޑު މުބާރާތެއް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. އެއަށްފަހު ވާދަވެރި ފުޓްބޯޅަ މުބާރާތެއް ނުބޭއްވި ދިގުލައިގެން ދިޔައީ އެފްއޭއެމްގެ އިންތިޚާބު ނުބޭއްވި ދިގުލައިގެން ދިއުމާއި ގުޅިގެންނެވެ.
މި މަހު ސީޒަން ނުފަށައި އޯގަސްޓް މަހު ދިވެހި ޕްރިމިއަރ ލީގު ކުޅޭ ގޮތަށް ހަމަޖެއްސުމަށާއި، ފީފާ އާއި ގުޅިގެން އަލުން ފުޓްބޯޅަ ކަލަންޑަރު އެކުލަވާލުމަށް ވެސް ހައްރާޒު ވަނީ ލަފާދީފައެވެ. ފީފާއިން މަސައްކަތް ކުރަމުންދަނީ އޭޝިއާގެ މުބާރާތްތަކާއި އެއްގޮތައް މިއަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ އޯގަސްޓް މަހު ފެށުމަށެވެ.
މައުލޫމާތު ލިބިފަވާ ގޮތުގައި ފުޓްބޯޅަ ސީޒަން ނުފަށަން ހައްރާޒު، އެފްއޭއެމްއަށް އެންގީ އެ އިދާރާގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލު ކުރުމަށާއި، ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރި މައްސަލަތަކަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް ބުނެއެވެ.
އައު ސީޒަނަށް ތައްޔާރުވުމަށް މިފަހަރު ދިވެހި ލީގުގައި ވާދަކުރާ 10 ކްލަބްގެ ތެރެއިން ގިނަ ކްލަބްތަކުން އޭރު ދިޔައީ ފަރިތަކުރަމުންނެވެ.