ޚަބަރު

ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ފަހުގެ މަޝްވަރާތައް ނިންމާލީ ކުރިއެެރުމެއް ނުލިބި


ޔަހޫދީންނާއި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން އަލުން އިޢާދަ ކުރުމާ ގުޅޭ ގޮތުންމިޞްރު ގައި އެންމެ ފަހުން ބޭއްވި މަޝްވަރާތައް ނިންމާލާފައި ވަނީ ކޮޅެއްގައި ނުޖެހި ކަމަށް ފަލަސްޠީނާއި މިޞްރަށް ނިޞްބަތްވާ މަސްދަރުތަކުން ބުނެފިއެވެ.

ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުަވަހު ޔަހޫދީން ދޭން ފެށި ޙަމަލާތައް 15 މަސްދުވަހަށް ފަހު މެދުކަނޑާލާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހު އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ. އޮކްޓޯބަރު 7ން ފެށިގެން މިހާތަނަށް ފަލަސްޠީނުގެ 50،000އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލާފައިވާއިރު، އަލުން ޙަމަލާތައް ދޭން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ފަލަސްޠީނުގެ 1،500އަށް ވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލައިފައެވެ. ޣައްޒާއަށް އެއްވެސް ސާމާނެއް ވެއްދުމަށް ޔަހޫދީން ހުރަސްއަޅާފައިވާތާ ހަ ހަފުތާ ފާއިތުވެފައިވާއިރު ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނެެއް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ. ފަލަސްޠީނުގެ ރަައްޔިތުން ބުނަމުން ދަނީ ޔަހޫދީން ދެމުންދިޔަ ޙަމަލާތައް މާރިޗު މަހުގައި އަލުން ދޭން ފެށި ފަހުން ޣައްޒާއަށް ދެމުންދާ ޙަަމަލާތައް ވަކިން ވަރުގަދަ ކަމަށެވެ.

ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން އަލުން ކުރިއަށް ގެންދެވޭތޯ މިޞްރާއި ޤަތަރުން އިސްވެ އޮވެ ޙަމާސާއި ޔަހޫދީންނާ ދެމެދު މަޝްވަރާތައް ވަނީ މިޞްރުގައި ކުރިއަށް ގެންގޮސްފައެވެ. އެ މަޝްވަރާތަކާ ގުޅޭގޮތުން މަސްދަރުތަކުން ބުނީ ހަނގުރާމައަށް ދާއިމީ ނިމުމެއް ނާންނަ ގޮތަކަށް އެއްވެސް އެއްބަސްވުމެއް ޤާއިމު ކުރުމަށް ޙަމާސުން ބޭނުން ނުވާ ކަމަށެެވެ. ޔަހޫދީން ވެސް ބުނަމުން ދަނީ ޙަމާސް ވުޖޫދުން ފޮހެ ނުލެވޭހާ ހިނދަކު ހަތިޔާރު ތިރި ނުކުރާނެ ކަމަށެވެ.

ކަން މިހެން އޮތް ނަމަ ވެސް މަޝްވަރާތަކުަގައި ބައިވެރިވި ޙަމާސްގެ ވަފުދުން ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރާ ނަމަ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުންގެ ތެރެއިން މިނިވަން ކުރާނެ މީހުންގެ ޢަދަދާ ގުޅޭގޮތުން ވާހަކަ ދެއްކިދާނެ ކަމަށް އިޝާރާތް ކޮށްފައެވެ. މިޞްރުގެ މަސްދަރަކުން ބުނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް އެންމެ ފަހުން ހުށަހެޅި ހުށަހެޅުމުގެ ދަށުން ޙަމާސުން މިނިވަން ކުރާ އަސީރުންގެ ޢަދަދު އިތުރު ކުރުން އެކަށީގެންވާ ކަމަށެވެ. ޙަމާސުން މީގެ ކުރިން ބުނެފައި ވަނީ ފަސް އަސީރުން މިނިވަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް ޔަހޫދީން ޝަރުތު ކުރަމުންދަނީ ދިހަ އަސީރުން މިނިވަން ކުރުމަށެވެ. އެ ހުށަހެޅުމާމެދު ވިސްނާ ގޮތެއް ނިންމުމަށް އިތުރު ވަގުތު ދިނުމަށް ޙަމާސުން ވަނީ އެދިފައެވެ.

“މި ކަމުގައި ޙަމާސުން އެއްވެސް މައްސަލައެއް ނުޖައްސާ. ނަމަވެސް ޙަމާސަށް ބޭނުން ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއާ ގުޅޭ މަޝްވަރާތައް ޔަހޫދީން ފަށާނެ ކަމުގެ ޔަޤީންކަން،” މިޞްރުގެ މަސްދަރުން ވިދާޅުވިއެެވެ.

ޖަނަވަރީ މަހުގެ ތެރޭގައި ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ފަލަސްޠީނުގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ހުރި އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުންގެ ބަދަލުގައި ޙަމާސުން ވަނީ ޔަހޫދީންނަށް ނިޞްބަތްވާ 33 އަސީރުން މިނިވަން ކޮށްފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 59 އަސީރުން ތިބި ކަމަށް ޔަހޫދީން ބުނެއެވެ.

މިދިޔަ އާދިއްތަ ދުވަހު، ޢުދުވާން ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ވިލަރެސް ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއާއި ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އައްޘާނީ ވަނީ ޤަޠަތުގެ ދަވުޙާގައި ބައްދަލު ކުރައްވައިފައެވެ. ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގައި ޤަޠަރާއި މިޞްރުން ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމަކަށް ދޭ ގެރެންޓީގެ އިތުރުން އެހެން ޤައުމުތަކުން ވެސް އެ ފަދަ ގެރެންޓީ ދޭން ޖެހޭ ކަމަށް ސީސީ ވިދާޅުވެފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު އަދި ޣައްޒާއަށް ޙަމަލާ ދިނުން ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް އެންމެ ބޮޑަސް ހިތްވަރުދޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ކުރުމާ ގާތަށް ކުރިއެރުންތައް ލިބެމުންދާ ކަމަށް ވިދާޅުވެފައެވެ.