ކުޅިވަރު

ފަހުވަގުތު ވިކްޓްރީ އަތުން ނިއުއަށް މޮޅެއް


މެޗުގެ އިތުރުވަގުތުގެވެސް އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބަލްގޭޜިޔާގެ ޑިފެންޑަރ ވެލިޗްކޯ ނިއުރޭޑިއަންޓް މޮޅުކޮށްދީފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވިކްޓްރީއާއި ވާދަކޮށް ލަނޑެއް ނުޖެހި މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގައި ނިއު މޮޅުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ޑިފެންޑަރ ވެލިޗްކޯއެވެ. އޭނާ ލަނޑު ޖެހީ ލިބުނު ހިލޭޖެހުމަކުން އަހުމަދު ނިޔާޒު ކުރިއަށް ފޮނުވާލިބޯޅަ އަހުމަދު ސުހެއިލް ގޯލް އޭރިޔާތެރެއަށް ހުރަސްކޮށްދިނުމުން ބޮލުޖަހައެވެ.  މެޗުގައި ނިއުއިން ގޯލަށް ފޮނުވާލި ބޯޅަތައް ވަނީ ނާކާމިޔާބުވެފައެވެ. ޒުވާން ފޯވާޑް މުސްލިހު މުޙައްމަދު ފޮނުވާލި ދެ ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވިއެވެ.  އަހުމަދު ނިޔާޒު ފޮނުވާލި ބޯޅަ ވިކްޓްރީގެ ކީޕަރު ތޮލާލް އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލިއެވެ. އަބުދުﷲ ހަނީފް ފޮނުވާލި ދެބޯޅަވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. ވިކްޓްރީން ފުރަތަމަ ހާފްގައި ފޮނުވާލި ދެބޯޅަވެސް ނިއުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މިމޮޅާއެކު ނިއުއަށް ދިހަ ޕޮއިންޓް ލިބުނު ނަމަވެސް ތާވަލްގައި އެޓީމްގެ މަޤާމަށް ބަދަލެއް ނާދެއެވެ. ނިއު އޮތީ ހަ ވަނައިގައެވެ.

މިދެޓީމް ފުރަތަމަ ބުރުގައި ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. ލީގުގައި މިރޭ ވާދަކުރާނީ ޓީސީއާއި މާޒިޔާއެވެ.