ކުޅިވަރު

ވީއޭއެމް ކަޕް: ޗެމްޕިއަން ވެމްކޯ ބަލިކޮށް ޕޮލިސް ފައިނަލަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ކަޕް 2025 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ ބަލިކޮށް، މުބާރާތުގެ ފައިނަލަށް ޕޮލިސް ކުލަބު ދަތުރުކޮށްފިއެވެ. ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުން ޕޮލިސް މޮޅުވީ ތިން ސެޓު ދެ ސެޓުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފެށުން ވެމްކޯއަށް ގޯސްކޮށް ދިޔުމުގެ ފައިދާ ނަގައި ޕޮލިހުން ވަނީ ފުރަތަމަ ސެޓު 25-17 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ދެވަނަ ސެޓުގައި ވެމްކޯއިން ވަނީ ކުޅުން ރަނގަޅުކޮށް 25-22 އެ ސެޓު ކާމިޔާބުކޮށްފައެވެ.

ޕޮލިސް ޓީމުން މެޗުގެ ތިންވަނަ ސެޓުގައި މޮޅަށް ކުޅެ 25-21 އިން ސެޓު ގެންދިޔައިރު، މެޗުގެ މިހިސާބުން ޕޮލިހަށް މައްސަލަ ދިމާވީ މެޗުގައި މޮޅަށް ކުޅުނު އެ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާއަށް އަނިވެގެން ކޯޓުން ބާލަން ޖެހުމުންނެވެ.

ހައްވަ ކޯޓުގެ ބޭރުގައި ބަހައްޓައިގެން ކުޅުނު ފުރަތަމަ ސެޓު ވެމްކޯއިން ވަނީ 25-23 އިން ކާމިޔާބުކޮށްފައެވެ. އެއާއެކު ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 15-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ބްރެޒިލް ކުޅުންތެރިޔާ ގްރެޒީލް ރިބޯރީ ޑި ސޫޒާއެވެ. އޭނާއަށް ލިބުނު އެވޯޑު ވަނީ އެ ޓީމުގެ ކެޕްޓަން ހައްވައަށް ހަދިޔާކޮށްފައެވެ.

މެޗަށްފަހު ޕޮލިސް ޓީމުގެ ކޯޗު މުނާ މުނީރު ބުނީ އެ ޓީމުން ހޯދީ ހުރިހާ ގޮތަކުންވެސް އުނދަގޫ މޮޅެއް ކަމަށާއި، ކެޕްޓަން އަނިޔާވެގެން ފައިބަން ޖެހުމުން ހުރިހާ ކުޅުންތެރިން ފެންކަޅިވި ކަމަށެވެ. އަދި މި ނަތިޖާއިން އެނގި ހާމަވެގެންދިޔައީ މަސައްކަތް ކޮށްފި ކަމަށްވާނަމަ ކާމިޔާބުވާނެކަން ކަމަށާއި، ފައިނަލަށްވެސް ތައްޔާރު ވާނީ އެ ރޫހުގައި ކަމަށް މުނާ ބުންޏެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ވެމްކޯގެ ކޯޗު އަޙްމަދު އަދީލް ބުނީ ހުރިހާވެސް މައްސަލަ އަކީ މެޗުގައި ވެމްކޯއަށް ފެށުން ގޯސްވުން ކަމަށެވެ. އަދި ތިންވަނަ ސެމީ ފައިނަލް މެޗަކީ ފަސޭހަ މެޗެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

މި މޮޅާއެކު މުބާރާތުގެ ފައިނަލަށް ޕޮލިސް ދަތުރުކުރިއިރު، މިރޭ ކުޅޭ ތިންވަނަ ސެމީގައި ވެމްކޯ ނުކުންނާނީ ހުރާ ކޮމިއުނިޓީ ކުލަބާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބިގެންދާނެއެވެ.