އިސްލާމްދީނާއި ދިވެހި ރައްޔިތުންގެ ހައްގުގައި ނިންމަންޖެހޭ ކޮންމެ ނިންމުމެއްވެސް އަދުގެ ސަރުކާރުން ނިންމާނެކަން ރައްޔިތުންނަށް ސާފުވެއްޖެކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. މެންބަރު މިހެން ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯތު މަނާކުރުމާއި ގުޅިގެން، އެކަމަށް އިޝާރާތްކުރައްވާ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭނެގޮތަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤްކުރައްވާފައެވެ.
މިކަމަށް އިޝާރާތް ކުރައްވާ ވިލިމާލޭ ދައިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ މުޙައްމަދު ޢިސްމާޢީލް ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި ކުރިއަށްގެންދެވީ ގެންދެވީ އެންމެ އިސްކަމެއް ދޭ އެއް މަސައްކަތުގެ ގޮތުގައިކަމަށެވެ. އަދި އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުން ހާމަކޮށްދެނީ އިސްލާމް ދީނާއި ރައްޔިތުންގެ ހައްގުގައި ނިންމަންޖެހޭ ކޮންމެ ނިންމެވުމެއްވެސް ސަރުކާރުން ނިންމަވާނެކަންކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއީ %100 މުސްލިމް ޤައުމެއް. އެންމެ ކުޑަކޮށް ލޮޅުން އަރާގޮތަށް ފަލަސްޠީނު ރައްޔިތުންނާއެކު އަޅުގަނޑުމެން ތިބިކަން ދުނިޔެއަށް މި ސާބިތުކޮށްދިނީ." މެންބަރު މުޙައްމަދު އިސްމާޢިލް ވިދާޅުވިއެވެ.
މެންބަރު ވަނީ އެމްޑީޕީ މެންބަރަކު ހުށަހެޅި ބިލެއް ފާސްވިކަމުގައިވިއަސް، އެ ފަރާތްތަކުން މިހާރު ދައްކަމުންދާ ވާހަކަތަކުގައި އިޚްލާސްތެރިކަމެއް ނެތްކަމަށްވެސް ތުހުމަތުކުރައްވާފައެވެ. އެގޮތުން، މަޖިލީހުގެ ކޮމެޓީ މަރުހަލާގައި އެމްޑީޕީން އެއްވެސް އިޞްލާހެއް ހުށައަޅާފައިނުވާކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
ރާއްޖެ މިއަދު ޕްރޮގްރާމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަހިދު ވިދާޅުވީ އަދުގެ ސަރުކާރުން ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުޤައި ނިންމި ނިންމުމަކީ ފަޚްރުވެރިވާން ޖެހޭ ކަމެއްކަމަށެވެ.
"މިފަދަ ބޮޑު ނިންމެވުމަށް ނިންމިއިރު ރައީސުލްޖުމްހޫރިއްޔާ ބެއްލެވި ޤައުމުގެ ރައްޔިތުންގެ ވިންދާއި އިހުސާސް. އެބޭފުޅުން ޚިޔާލު ހުރީ ކިހިނެތްތޯ އެބޭފުޅުން ބޭނުންފުޅު ވަނީ ކިހިނެތްތޯ. ފަލަސްޠީނަކީ މުސްލިމް ޤައުމެއް. އަޅުގަނޑުމެންނަކީވެސް މުސްލިމުންނަށް ވީތީ އެބަޖެހޭ، ހަޤީޤަތުގައި ޔަހޫދީންގެ ފަރާތުން އެ ލިބެމުންދާ އަނިޔާ ޤައުމެއްގެ ހައިސިއްޔަތުން މި ޤައުމުގެ ރައްޔިތުން ތިބި ގޮތް ހާމަކޮށްދޭން. " މެންބަރު ޝާހިދު ވިދާޅުވިއެވެ.
އިސްރާއީލް ޕާސްޕޯޓުގައި ދިވެހި ރާއްޖެއަށް އެއްވެސް މީހަކަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ޤާނުނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއެކު، މިހާރު ޤާނޫނު ވަނީ ތަންފީޒުވާން ފަށާފައެވެ. މިކަން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޓްރެވެލް އެޑްވައިޒަރީއެއްގެ ގޮތުގައި އާންމުކޮށް އޮޢުލާންކޮށްފައެވެ.