ކުނި މެނޭޖްކުރުމާ ބެހޭގޮތުން ހިންގާ ކޯސްތައް ނެޝަނަލް ސްކިލްސް ޑިވަލޮޕްމެންޓް އޮތޯރިޓީގައި ރަޖިސްޓްރީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައްކޮށްފައިވަނީ ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއާ ދެމެދު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވޭސްޓް މެނޭޖްމަންޓް ދާއިރާއާ ގުޅޭ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތައް ނުވަތަ ޤައުމީ މިންގަނޑުތަކެއް ކަނޑައެޅުމާއި މި ދާއިރާއާ ގުޅޭ އިންސްޓިޓިއުޓްތައް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ވޭސްޓް މެނޭޖްމަންޓް ދާއިރާއާ ގުޅޭ ތަމްރީންތަކާއި އެޕްރެންޓިސްޝިޕް ޕްރޮގުރާމްތައް ރަޖިސްޓްރީކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަކީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތައް ކަނޑައަޅައި، އިންސްޓިއުޓްތަކުން ޒުވާނުންނަށް ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކުރުމުގެ މަސައްކަތްކުރާ ސަރުކާރުގެ އިދާރާއެކެވެ.
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަނގަޅު ގޮތުގައި ކުނި މެނޭޖްނުކުރެވޭ މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށް ކުނި މެނޭޖްކުރާ މަރުކަޒުތަކާއި ކަމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުން ދަނީ ރަށްރަށަށް ފޯރުކޮށްދެއްވަމުންނެވެ. ނަމަވެސް، މި ދާއިރާއިން ތަމްރީންވެފައިވާ މީހުން މަދުވުމަކީވެސް އޮތް ގޮންޖެހުމެކެވެ. ކުނި މެނޭޖްކުރުމުގެ ކޯސްތަކާއި ތަމްރީން ޕްރޮގުރާމްތައް ސްކިލްސް ޑިވަލޮޕްމެންޓް އޮތޯރިޓީގައި ރަޖިސްޓްރީވުމާއެކު މި ކަމަށް އެދެވޭ ހައްލެއް އަންނާނެކަން ވެމްކޯއިން ފާހަގަކުރައްވައެވެ.