ޚަބަރު

ޓިކްޓޮކްގެ އިސްފަރާތްތަކާ ބައްދަލުކުރައްވައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރައްވައިފި


  • މި ބައްދަލުވުމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާކޮށްފައިވޭ

  • ސަރުކާރުން ދަނީ ކްރިއޭޓަރ އިކޮނޮމީއެއް ޤާއިމްކުރުމަށް މަސައްކަތް ކުރަމުން

މަޝްހޫރު މީސްމީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޓިކްޓޮކްގެ އިސްފަރާތްތަކާއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ޓިކްޓޮކުން ރާއްޖޭގައި ދެމުންދާ ޚިދުމަތްތައް ފުޅާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަސައްކަތަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރު، ޓިކްޓޮކްގެ ވަފުދާ ހިއްސާކުރައްވާފައެވެ. ޓިކްޓޮކްގެ ވަފުދުން ވަނީ އެމަނިކުފާނުގެ މިތަޞައްވަރު ހަޤީޤަތަކަށް ހެދުމަށް އެކުންފުންޏަށް ކުރެވިދާނެ ކަންކަން ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ޓިކްޓޮކްގެ ވަފުދުންވެސް ވަނީ މިކަމުގައި އުއްމީދީ ކުރިމަގެއް އޮތްކަން ވިދާޅުވެފައެވެ.

މިހާރު ރާއްޖެ އައިސް އުޅޭ ޓިކްޓޮކުގެ ވަފުދުންވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ އިސް ފަރާތްތަކާވެސް ބައްދަލުކުރައްވާފައެވެ. އެވުޒާރާއިން ވިދާޅުވީ، ޓިކްޓޮކްގެ ވަފްދާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ޑިޖިޓަލް މޮނިޓައިޒޭޝަން ނުވަތަ ޓިކްޓޮކުގައި ހިއްސާ ކުރާ އުފެއްދުންތަކަށް އާމްދަނީ ލިބޭނެ ގޮތް ހޯދުމަށް، އައު މަގުތައް ހުޅުވުމަށް ޓިކްޓޮކާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.

ރާއްޖޭގައި ކްރިއޭޓަރ އިކޮނޮމީއެއް ޤާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ސަރުކާރުން ދަނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އާމްދާނީ ލިބޭނެ ގޮތްތަކާއި ގުޅޭގޮތުން އެކި މަންސަތަކުގައި މަޝްވަރާކުރަމުންނެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް ވަނީ ރާއްޖޭގައި އޮންލައިންކޮށް އެކި އުފައްދާ އުފެއްދުންތެރިން ތިބިކަމަށާއި މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކަކީ، އެގޮތަށް އާމްދަނީ ހޯދޭނެއް ވަސީލަތެއް ކަމަށް ވިދާޅުވެއެވެ.