ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ފެށުނީއްސުރެ ނިމެންދެން ބޮރޫޝިއާ ޑޯޓްމުންޑުގެ ސަޕޯޓަރުން ބާސެލޯނާގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއަށް މަލާލާތްކޮށްފިއެވެ.
އެ މެޗުން 3-1 އިން ބާސެލޯނާ ބަލިވި ނަމަވެސް ދެ މެޗުގެ އެގްރީގޭޓުން 5-3 އިން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ބާސެލޯނާ އެވެ.
ޕޮލެންޑްގެ ފޯވަޑް ލެވަންޑޯސްކީ އަކީ ޑޯޓްމުންޑްގެ ކުރީގެ ކުޅުންތެރިއެކެވެ. 2010 އިން 2014 އަށް އޭނާ ވަނީ ޑޯޓްމުންޑަށް ކުޅެ 131 މެޗުން 74 ގޯލު ޖަހައިދީފަ އެވެ. ނަމަވެސް ސަޕޯޓަރުން އޭނާ ދެކެ ދާއިމީ ރުޅިވެރިކަމެއް އޮންނަން ފެށީ ޑޯޓްމުންޑް ދޫކޮށް ވާދަވެރި ބަޔާން މިއުނިކަށް ކުޅެން ފެށުމުންނެވެ.
އެ މެޗުގައި ސަޕޯޓަރުން މަލާމާތްކޮށް ހެދި ނަމަވެސް ލެވަންޑޯސްކީ އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ. އޭނާ ބުނީ ވާހަކަ ދައްކަން ބޭނުންވަނީ ބާސެލޯނާގެ ނަތީޖާއަށް ކަމަށެވެ. މި ގޮތުން ރޭގެ މެޗުން ބަލިވުމަކީ ސީޒަނުގެ ކުރިއަށްހުރި މެޗުތަކަށް ބާސެލޯނާ ހޭލައްވާލި ރަނގަބީލެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރުމެން ރޭގެ މެޗުގައި ކުޅުނީ ވަރަށް ގޯސްކޮށް. މި ގޮތަށް ދެން ކުރިއަށްހުރި މެޗުތަކުގައި ނުކުޅެވޭނެ. އަހަރުމެންގެ ކުޅުން ރަނގަޅު ކުރަންޖެހޭ. ހަގީގަތުގައި ވެސް މިއީ އަހަރުމެން ކުރިއަށްހުރި މެޗުތަކަށް ހޭ ލައްވާލި ރަނގަބީލެއް،" ލެވަންޑޯސްކީ ބުންޏެވެ.
އެ މެޗުގައި ގޯލެއް ނުޖެހުނު ނަމަވެސް އޭނާ އަކީ ބާސެލޯނާއިން މެޗުގައި އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މި ދެ ޓީމު މިދިޔަ ހަފުތާގައި ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި ދެ ގޯލު ޖަހައިދީފަ އެވެ. މިއާއެކު އެއީ ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު 29 މެޗުގައި އޭނާ އެ ޓީމު ކޮޅަށް ޖެހި ގޯލުގެ އަދަދު ވެސް ވަނީ 29 އަށް އަރައިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބާސެލޯނާ ވާދަކުރަން ޖެހޭނީ އިޓަލީގެ އިންޓަރ މިލާނާ އެވެ.