ޚަބަރު

ވިލިމާލޭ ފުނަވަލަށް އަސަރުނުކުރާނެހެން ޓަވަރު އަޅާތަން ބަދަލުކޮށްފި


  • ވިލިމާލޭގައި 300 ހައުސިންގ ޔުނިޓްގެ ބިންގާ ވަނީ އަޅާފައި

  • އެއީ 17 ފަންގިފިލާގެ 3 ޓަވަރު

ވިލިމާލޭގައި ތަރައްޤީކުރާ ސޯޝަލް ހައުސިންގ ޓަވަރުތަކުގެ ތެރެއިން 1 ޓަވަރު ވިލިމާލެ ސްޓެލްކޯ ސައިޓް ސަރަހައްދުގައި ތަަރައްޤީކުރުމަށް ނިންމައިފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިގޮތަށް ނިންމެވީ ވިލިމާލޭގައި ތަރައްޤީކުރާ ފްލެޓްތައް ހިމެނޭ 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ސަރަހައްދުގައި ހުރި ގަސްތައް ނަގަންޖެހޭތީއެވެ.

މިދިޔަ ފެބުރުވަރީ މަހު ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި 300 ހައުސިން ޔުނިޓްގެ ބިންގާ ވަނީ އަޅާފައެވެ. މި މަޝްރޫޢުގެ ދަށުން ދެ ޓަވަރެއް އެޅުމަށް ނިންމާފައިވަނީ ވިލިމާލޭ މުހްޔިއްދީން ސްކޫލް ކުރިމަތީގައި އޮންނަ ފުނަވަލުގެ އެއްފަރާތުގައެވެ. އަދި ތިންވަނަ ޓަވަރު އެޅުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯ ސައިޓް ހުންނަ ސަރަހައްދާ ކައިރީގައެވެ.

ވިލިމާލޭގައި އިމާރާތް ކުރާ 300 ފުލެޓު މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވަނީ، ބޮޑެތި ފުނަގަސް ނުކަނޑައި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.


ވިލިމާލޭގައި ތަރައްޤީ ކުރާ 300 ހައުސިން ޔުނިޓު އެޅުމަށް ޙަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން އަޅާނީ 17 ފަންގިފިލާގެ 3 ޓަވަރެވެ. މިއީ ވިލިމާލޭގައި އިތުރުވަމުންދާ އާބާދީއަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ކުއްޔަކާ ނުލައި ދީފައިވާ ބިމުގައި އިމާރާތް ކުރާ މި ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމާލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ، އައިއެންއޭއެޗްގެ ދަށުން ކަނޑައަޅާފައިވާ މަޤުސަދު ޙާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ، ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.ތިންވަނަ ޓަވަރު އެޅުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯ ސައިޓް ހުންނަ ސަރަހައްދާ ކައިރީގައެވެ.