ޚަބަރު

އެމްޓީސީސީގެ ފްލެޓް މައްސަލާގައި ކުރީގެ ސީއީއޯ ޝާހްއާއެކު ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް


  • ދަޢުވާކުރަން ފޮނުވީ ޝާހްގެ އިތުރުން ޓެންޑަރ ކޮމިޓީގެ މެންބަރުންނަށް

  • އެއްބަސްވުމާ ޚިލާފުވުމުންވެސް ފައިސާ ދޫކޮށް މަސައްކަތް ކުރިއަށް ގެންދިޔަ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ ކުރީގެ ސީއީއޯ ޙަސަން ޝާހްއާއި ކުންފުނީގެ ކުރީގެ މުވައްޒަފުންތަކަކަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލައާއި ގުޅޭގޮތުން އޭސީސީން ވިދާޅުވީ، އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ، ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން އެމަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް އެކުންފުނީގެ ވެރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ ޙަސަން ޝާހްއާއި، ޖެނެރަލް މެނޭޖަރ އަދި ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރެއްގެ މަޤާމުގައި އޭރު ހުރި ޝިފާޢު ޢަލީއާއި، ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ މަޤާމުގައި އޭރު ތިބި ޙުސައިން ޒުހުރީއާއި މުޙައްމަދު ނާޡިމާއި، އިސްމާޢީލް އަދުހަމް މައްޗަށެވެ.

އޭސީސީން ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ 2 ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓް ދީފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް އެކުންފުންޏާ ހަވާލުކޮށް، އެކުންފުނިން އެއްބަސްވުން ބާޠިލުކުރަންޖެހޭ ގޮތަށް ޢަމަލުކުރި ނަމަވެސް، އެއްބަސްވުން ބާޠިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް "އެޑްވާންސް ޕޭމަންޓާއި" "ޕްރޮގްރެސިވް ޕޭމަންޓު"ތައް ދޫކޮށްފައިވާކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ވަކި މަސައްކަތްތަކެއްގެ ގޮތުގައި ޙަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާއިރު، އެ އެއްބަސްވުން ބާޠިލުކޮށްފައިނުވާ ކަމަށް އޭސީސީން ވިދާޅުވެއެވެ. މި ޢަމަލުތަކުގެ ސަބަބުން އެމްޓީސީސީއަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ.

މިމައްސަލައިގައި އެމްޓީސީސީއަށް މާލީ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 39,241,855.78 ގެ އިތުރުން، ލިބިފައިވާ އިތުރު މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް އޭސީސީން ވަނީ އެމްޓީސީސީއަށް އަންގާފައެވެ.

މިމައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ. އަދި ޝިފާޢު ޢަލީގެ މައްޗަށް އިތުރު ދަޢުވާއެއްގެ ގޮތުގައި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދަޢުވާވެސް ކުރުމަށް އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.