ޚަބަރު

ހުރިހައި ސްކޫލުތައް ގުޅިގެން ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ


  • މާލޭ ސްކޫލުތަކުން ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި

  • ކިޔަވައިދިނުމުގެ ގަޑިތައް ނުގެއްލޭނެ ގޮތަށް ހަރަކާތްތައް އިންތިޒާމުކުރުމަށް އިލްތިމާސްކުރި

މިއަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، އެހެންއަހަރުތަކާ ޚިލާފަށް މިއަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައިވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މާލޭ ސަރަޙައްދުގެ ހުރިހާ ސްކޫލުތަކުން ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ދުވަހާއި ގުޅިގެން އަތޮޅުތެރޭގެ ސްކޫލްތަކުގައިވެސް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސްކޫލް ފެންވަރުގައި ޚާއްޞަ އެސެމްބްލީތަކާއި އިތުރު ޙަރަކާތްތައްވެސް ބޭއްވުމަށް ވަނީ ނިންމަވާފައެވެ. ނަމަވެސް އެ ހަރަކާތްތައް ކިޔަވައިދިނުމުގެ ގަޑިތައް ނުގެއްލޭނެ ގޮތަށް އިންތިޒާމުކުރެއްވުމަށާއި، ބެލެނިވެރިންނާއި މުދައްރިސުންނަށް ބުރަނުވާނެހެން، ވީހާވެސް ޚަރަދުކުޑަކޮށް ކުރިއަށްގެންދިއުމަށް ރޭވުމަށްވެސް ވަޒީރު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، އެދުވަހުގެ ހަރަކާތްތައް މެދުވެރިކޮށް ކުޑަކުދިންނަށް އެކުދިންގެ ހައްޤުތައް ކިޔާދީ, އެ ކުދީންނާ މެދު މައިންބަފައިންނާއި މުޖުތަމަޢު އަދި ޤައުމު ދެކޭ ހުވަފެންތައް ކިޔާދިނުމުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ދުވަހާއި ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައިވެސް ކަމާގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާތައް ކުރިއަށްގެންދަވާނެކަމަށް ތައުލީމީ ވުޒާރާއިން މައުލޫމާތުދެއްވައެވެ. އަދި މި ހަރަކާތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ވަގުތުން ވަގުތަށް އާންމުންނާ ހިއްސާކުރަމުން ގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހުއެވެ.