ރ.އަތޮޅު ދުވާފަރަކީ ސުނާމީ ކާރިސާއާ ގުޅިގެން އެ އަތޮޅުގެ ކަނދޮޅުދޫގެ ރައްޔިތުން އާބާދުކުރި ރަށެވެ. މިއީ ފަހުގެ ތާރީޚެއް މިގޮތަށް ރަށެއްގެ އެންމެން އެހެން ރަށެއްގައި އާބާދުކުރި ފުރަތަމަ ފަހަރެވެ.
3 ކޮޓަރީގެ 600 ރޯ ހައުސް ތަރައްޤީކޮށް، 4000އެއްހާ އާބާދީގެ ކަނދޮޅުދޫގެ ރައްޔިތުން، ދުވާފަރުގައި އާބާދުކުރިއެވެ. މީހުން އާބާދުކުރަން ފެށީ 2008ވަނަ އަހަރުގެ ފަހުކޮޅުއެވެ.
ދުވާފަރުގައި މީހުން އާބާދުކުރިތާ 20 އަހަރާ ގާތްވެފައިވާއިރު، އެރަށުގެ ރައްޔިތުންނަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ރަށުގައި އަލަށް މީހުން އާބާދުވާން ފެށީއްސުރެ، މިހާތަނަށް ބޯހިޔާވަހިކަމުގެ މާބޮޑު އިތުރު މަސައްކަތެއް ކުރިއަށް ގެންގޮސްފައި ނުވެއެވެ. ދިރިއުޅުމަށް ބިން ދޫކޮށްފައެއް ނުވެއެވެ.
"އެއް ގެއެއްގެ ތެރޭގައި ގެ ބަހައިގެން 3-4 އާއިލާ މިހާރުވެސް ދިރިއުޅޭ." ކައުންސިލްގެ ރައީސް އަޙުމަދު ޝާހު ވިދާޅުވިއެވެ.
ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަން ނިންމާ، ހައުސިންގ ޔުނިޓް އަޅަން ނިންމި 57 ރަށުގެ ތެރެއިން އެއް ރަށަކީ ދުވާފަރެވެ. އެރަށުގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް އެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އެޗްޑީސީއާ ހަވާލުކޮށްފައެވެ. މިއީ 3 ކޮޓަރީގެ، ޖާގަ ތަނަވަސް ރޯހައުސްތަކެކެވެ.
ކައުންސިލްގެ ރައީސް ޝާހު ވިދާޅުވީ، މި މަޝްރޫޢުއާއެކު ކޮންވެސްވަރެއްގެ ލުޔެއް މި މައްސަލައަށް ލިބޭނެކަމަށެވެ. ސަރުކާރުން އެރަށުން އިތުރަށް ހިއްކަން ނިންމާފައިވާ 15 ހެކްޓަރުގެ ބިމާއެކު، ބޯހިޔާވަހިކަމުގެ މި މައްސަލައަށް އިތުރަށް ރިއާޔަތްކޮށް، ބޯހިޔާވަހިކަމުގެ ދާއިރާއިން އިތުރު މަޝްރޫޢުތައް ހިންގުމަކީ ޢަމާޒުކަމަށް ޝާހު ވިދާޅުވިއެވެ.
"މިހާރު 50 ހައުސިން ޔުނިޓް އަޅަން އެކަމަށް ބޭނުންވާ ބިން ވަނީ ހަވާލުކޮށްފައި. މިމަހުގެ ފަހު ހަފްތާގައި ޢަމަލީ މަސައްކަތް ފެށޭނެކަމަށް އެޗްޑީސީން މަޢުލޫމާތު ދެނީ." ޝާހު ވިދާޅުވިއެވެ.
ދުވާފަރަށް 22 ހެކްޓަރުގެ ބިން އިތުރުކުރުމަށް ބިން ހިއްކުމުގެ މަޝްރޫޢުއެއް 2021ވަނަ ކުރިއަށްގެންގޮސްފައިވެއެވެ. އަލަށް އަޅާ ރޯހައުސްތައް އަޅަނީ އެ ސަރަޙައްދުގައެވެ.
މީގެއިތުރުން ދުވާފަރަށް ބިން އިތުރުކުރުމަށް އެރަށުގައި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އިޢުލާނުކޮށް، އެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތުގައި އިތުރު 15 ހެކްޓަރުގެ ބިން އެރަށުން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ދުވާފަރުގައި މިހާރު ހިއްކާފައިވާ ސަރަޙައްދުގެ ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ މިހާރު ވަނި ހަވާލުކޮށްފައެވެ.
އަދި އެ ސަރަޙައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ 16.65 ކިލޯމީޓަރު އެކުލެވޭހެން 75 މަގެއް ތަރައްޤީކުރާނެއެވެ.
މި މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިމި، ޚިދުމަތްތައް އަވަހަށް ލިބިގެންދިއުމަކީ ރަށުގެ ރައްޔިތުން މިހާރު އެންމެ ބޭނުންވާ ކަންތައްތަކެވެ.
ދުވާފަރަކީ 5000އެއްހާ އާބާދީގެ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީ 3500އަށްވުރެ އިތުރެވެ.