ޚަބަރު

އަސީރުން މިނިވަން ކުރުމުން ޣައްޒާ ޢުދުވާން ވަގުތުން ހުއްޓައިލާނެ: އެމެރިކާ


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުމުން، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓައިލާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް މަންދޫބަކު ވިދާޅުވެއްޖެއެވެ. މި ކަން ހާމަ ކުރައްވާފައި ވަނީ އަސީރުން މިނިވަން ކުރުމަށް ކުރަމުންދާ މަޝްވަރާތަކުގައި ޓްރަމްޕް ތަމްސީލު ކުރައްވާ ޚާއްޞަ މަންދޫބު އެޑަމް ބޫލަރއެވެ.

"އަޅުގަނޑަށް ދަންނަވަން ކެރޭނެ، ޢުދުވާންތައް ވަގުތުން ހުއްޓައިލާނެ، އަސީރުން މިނިވަން ކުރާ ވަގުތުން ފެށިގެން ހުއްްޓައިލާނެ،" އަލް ޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ބޫލަރ ވިދާޅުވިއެވެ. "އެ އަސީރުން މިނިވަން ކުރާ ދުވަހު ޢުދުވާންތައް ހުއްޓައިލާނެ." އަސީރުން މިނިވަން ކުރުމުގެ ކުރިން ޢުދުވާންތަކަށް ނިމުމެއް ގެނައުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,600އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.

"ޢުދުވާން ހުއްޓުވުމުގެ ބާރު އޮތީ ޙަމާސަށް"

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމު ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައެވެ. މި ޢުދުވާނުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ ރައީސް ޓްރަމްޕެވެ. ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭލުމަށް ފަހު އެ ބިމަށް ވެރިވެގަތުމުގެ ތަސައްވުރެއް އޭނާ ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ބޭނުންވަނީ، ޣައްޒާއަކީ އެމެރިކާގެ ބިމަކަށް ހަދައި، އެ ތަން ފަތުރުވެރިކަމަށް ތަރައްޤީ ކުރެއްވުމަށެވެ.

ބޫލަރ ވިދާޅުވީ، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކަށް ނިމުމެއް ގެނައުމުގެ ބާރު އޮތީ ޙަމާސްގެ ކިބައިގައި ކަމުގައެވެ. "އެ މީހުން ބޭނުންވުމުން ބޭނުން ވަގުތަކު [ޔަހޫދީންނާއި އެމެރިކާއާ) ގުޅޭނެ. ޙަމާސަށް މި ކަމަށް [ޤަތުލުޢާންމަށް] ނިމުމެއް ގެނެވޭނެ،" އޭނާ ވިދާޅުވިއެވެ. ހުރިހާ އަސީރުން މިނިވަން ކުރުމަކީ ޢުދުވާންތައް ނިމުމަކަށް ގެނައުމުގެ ފުރަތަމަ ފިޔަވަޅު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ޙަމާސުން ދަނީ މި ކަމަށް އިންކާރު ކުރަމުންނެވެ. އެ ޖަމާޢަތުން ބުނީ، އަސީރުން މިނިވަން ކުރުމަށް އޮތް ހަމައެކަނި މަގަކީ އެ ޖަމާޢަތާ އެކު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވައިލުން ކަމުގައެވެ. އަދި، އެއްބަސްވުމެއްގެ ދަށުން ޣައްޒާގައި އަރައިގަނެ، ބިންތައް ފޭރިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ބިމުން ފައިބަން ޖެހޭނެ ކަމަށް ޙަމާސުން ދަނީ ޝަރުޠު ކުރަމުންނެވެ.

ޖަނަވަރީ 19ގައި އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 މީހުން މިނިވަން ކޮށްފައެވެ. ނަމަވެސް، އެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް އަމަލު ކުރަން ފެށުމުގެ ކުރިން ޔަހޫދީން ވަނީ އެއްބަސްވުން ރޫޅައިލާފައެވެ. އަދި، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީގެ ސާމާނު އެތެރެ ކުރުމަށް ހުރަސްއަޅައި، އަލުން ޢުދުވާނީ ޙަމަލާތައް ފަށާފައެވެ. އެ ކަމަށް ހިތްވަރު ދެއްވާފައި ވަނީ ޓްރަމްޕެވެ.

އދން ބުނީ، މާރިޗު 18ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން 500,000އަށްވުރެ ގިނަ މީހުން އެ މީހުންގެ ވަޒަނުން ބޭރުކޮށްފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ ބައެއް ސަރަޙައްދުތަކާއި، އެންމެ ދެކުނުގައި އޮތް ރަފަޙުގެ ބައެއް ސަރަޙައްދުތަކަށް ވެރިވެގަނެފައެވެ. އަދި، އެއީ ސަލާމަތީ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ.