ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް ކުރަމުންދާ ހަނގުރާމައިގައި ވަގުތުގެ ބޭނުން ހިފައި، "ހަމަލާ" އަވަސްކުރުމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ އޭނާގެ ޓީމަށް ގޮވާލައިފިއެވެ.
އޭނާ މިހެން ބުނެފަވަނީ ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ވާދަވެރި ފުލަމްއާ ބައްދަލުކުރަން ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މަރެސްކާ ބުނީ ޗެލްސީން މަސައްކަތްކުރަންވީ ޕްރެޝަރަށް ނުވެއްޓި ހަމަޖެހިލައިގެން ތިބެ، ކުރިއަށް ހުރި މެޗުތައް ކާމިޔާބުކޮށް ސީޒަނުގެ ނަތީޖާ އަނބުރާލުމަށްކަމަށެވެ.
ފާއިތުވެ ދިޔަ ދެ ސީޒަނުގައިވެސް ޗެމްޕިއަންސް ލީގުން ބާކީވެފައިވާ ޗެލްސީން، އަލުން އަނބުރާ ޗެމްޕިއަންސް ލީގަށް އައުމަށް ގަދަފައި ވިއްދާފައިވާއިރު، އެޓީމުން ބްރެންޓްފޯޑު އަދި އިޕްސްވިޗާ ވާދަކޮށް އެއްވަރުވުމުން ޗެލްސީންވަނީ 54 ޕޮއިންޓާއެކު ތާވަލުގެ ހަވަނައަށް ވެއްޓިފައެވެ.
ފުލަމްއާ ދެކޮޅަށް އާދިއްތަ ދުވަހު ޗެލްސީން ނުކުތުމަށް ތައްޔާރުވަމުން އަންނައިރު، މިއީ ފުލަމްއާ ވާދަކުރުމަށް އެންމެ އެކަށީގެންވާ ވަގުތުކަމަށް އޭނާ ގަބޫލުކުރަންތޯ ނޫސްވެރިއަކުވަނީ މަރެސްކާއާ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބުދެމުން އޭނާ ބުނެފަވަނީ ގޯސް ދަނޑިވަޅެއް، ވަގުތެއް ނުވަތަ ހާލަތެއް ނޯންނާނެކަމަށެވެ. ފުޓުބޯޅައިގައި އޮންނާނީ އަބަދުވެސް ރަނގަޅު ވަގުތުކަމަށާ، އެކަމެއްގެ ހާލަތުގައި އެކަމަކާ ކެރިގެން ކުރިމަތިލާ އިދިކޮޅު ޓީމަށް ދޭ "ހަމަލާ" އަވަސްކުރަންވީކަމަށެވެ.
"ޕްރިމިއަރ ލީގުގައި ކުރިއަށް އަދި ހަ މެޗު އެބައޮތް. ކޮންފަރެންސް ލީގުގެ ދެ ސެމީ އެބައޮތް. އެހެންވީމަ ޖުމްލަ އަށް މެޗު އަދި އަހަރުމެން ކުޅެން އެބަޖެހޭ. އެހެންވީމަ މިއީ ހަމަ ވަރަށް ރަނގަޅު ވަގުތެއް ވާދަވެރިންނާ ކުރިމަތިލާން" މަރެސްކާ ބުނެފައިވެއެވެ. އަދި މިއީ ހައްތަހާވެސް މުހިންމު މެޗުތައްކަމަށާ، އުންމީދަކީ ހުރިހާ މެޗެއްވެސް ކާމިޔާބުކުރުންކަމަށް މަރެސްކާ ފާހަގަކުރިއެވެ.
ފަހަކަށް އައިސް ޗެލްސީ ބަލިކަށިވެފައިވާއިރު، އެ ޓީމުގެ ކޯލް ޕާމާ އަދި ނިކޮލަސް ޖެކްސަންވެސް ގޯލާ ބީރައްޓެހިވެފައިވާތަން ދަނީ ފެންނަމުންނެވެ. މިކަމަށް އިޝާރާތްކޮށް މަރެސްކާ ބުނެފަވަނީ މުބާރާތުގެ ގަދަ ފަހަކުން ޖާގައެއް ބޭނުން ނަމަ، މި ދެކުޅުންތެރިން އަލުން އަނބުރާ ފޯމަށް އަންނަން ޖެހޭކަމަށެވެ.
"މާޒީއަށް ބަލާލުމުން ފެންނާނެ މި ދެކުޅުންތެރިންނަކީ ގޯލާ ރައްޓެހި ބައެއްކަން" މަރެސްކާ ބުނެފަވެއެވެ.
މަރެސްކާ ބުނީ އަނިޔާގެ ސަބަބުން ނިކޯއަށް އަދި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ކަމަށްވިޔަސް އެކުޅުންތެރިންނާމެދު އަދިވެސް އުންމީދު އެބައޮތްކަމަށާ، އޭނާގެ ފުރިހަމަ އިތުބާރު އަދިވެސް އެކުޅުންތެރިންނަށް އޮންނާނެކަމަށެވެ. މީގެ އިތުރުން އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ރޯމިއޯ ލޭވިއާ މިހާރު އެނބުރި ޕްރެކްޓިސްތަކުގައި ބައިވެރިވަމުން އަންނަކަން ފާހަގަކުރަމުން މަރެސްކާ ބުނީ އާދިއްތަ ދުވަހުގެ މެޗުން އޭނާވެސް ފެނުން ގާތްކަމަށެވެ.
ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ޗެލްސީން ނުކުންނާނީ ފުލަމްއާ ދެކޮޅަށެވެ. ފުލަމްގެ ކްރޭވެން ކޮޓެޖްގައި ކުޅެވޭ މިމެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 06:00ގައެވެ.