ޚަބަރު

ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ މުންނާރު، މަޖީދިއްޔާ ސްކޫލަށް 98 އަހަރު


  • މަދަރުސަތުއްސަނިއްޔާ މަދަރުސަތުލް މަޖީދިއްޔާއަށް ނަން ބަދަލުކުރީ 1947ވަނަ އަހަރު

  • މި ސުކޫލުގައި އެންމެ ފުރަތަމަ ކިޔަވައިދޭންފެށީ 1927 ވަނަ އަހަރު

  • މަޖީދިއްޔާގައި ދެ ޖިންސަށް ކިޔަވައިދޭންފެށީ 2011 ވަނަ އަހަރު

ރާއްޖޭގެ ނިޒާމީ ތަޢުލީމީ އެންމެ ފުރަތަމަ ފެށިގެންދިޔައީ 1927ވަނަ އަހަރުގެ އޭޕްރީލްމަހުގެ 19ވަނަ ދުވަހު އޭރުގެ މަދަރުސަތުއް ސަނިއްޔާ ހުޅުވުމާ އެކުގައެވެ. އެއީ އައްސުލްތާން މުޙައްމަދު ޝަމްސުއްދީން 3ގެ އިސްނެންގެވުމާއެކު ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރެވުނު މުހިއްމު މަސައްކަތެކެވެ.

މަދަރުސަތުއްސަނިއްޔާ މަދަރުސަތުލް މަޖީދިއްޔާއަށް ނަން ބަދަލުކުރީ 1947ވަނަ އަހަރުއެވެ. އޭރު ރާއްޖޭގެ އެންމެ މުހިންމު ބިނާ،1952 ވަނަ އަހަރު ތަރައްޤީކުރި "ދާރުލް އުލޫމު" އިމާރާތަކީވެސް ސްކޫލަށް އަދި ރާއްޖެއަށްވެސް ވަރަށް މުހިންމު ބިނާއެކެވެ.

މަޖީދިއްޔާ ސްކޫލްގެ ގޯތި ތެރޭގައި މިހާރުވެސް މިބިނާ ހުރިއިރު މިއީ ރާއްޖޭގެ ޒަމާނީ ތަޢުލީމުގެ ބިންގަލުގެ އިތުރުން، ރާއްޖޭގެ ތާރީޚާއި ގުޅުންހުރި ބޮޑެތި ބައްދަލުވުންތައް ބޭއްވި ތަނެކެވެ. މިއަދު މަޖީދިއްޔާ ސްކޫލަށް 98އަހަރު ފުރިގެންދާއިރު މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި އެ ސުކޫލުން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ.

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި ބައިނަލްއަޤްވާމީ ކަރިކިއުލަމްއަށްވެސް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލެވެ. 69 ދަރިވަރުންނާއެކު ކިޔެވުން ފެށި މި ސުކޫލުގައި މިހާރު 1300އެއްހާ ދަރިވަރުން ތަޢުލީމު ހާސިލްކުރެއެވެ. އަދި 170އެއްހާ މުވައްޒަފުން މަސައްކަތްކުރެއެވެ. ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު، 2011ވަނަ އަހަރު މަޖީދިއްޔާގައި ދެ ޖިންސަށް ކިޔަވައިދޭން ފެށިއެވެ. މިހާރު އެ ސްކޫލްގައި ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑަށްވެސް ކިޔަވައިދެއެވެ.

މަޖީދިއްޔާ ސްކޫލަކީ ޤައުމީ ފެންވަރުގައި ރާއްޖޭގައި ތަޢުލީމު ދޭން ފެށި ސްކޫލަކަށްވާތީ، އެސްކޫލަށް 100 އަހަރު ފުރޭ މުނާސަބާ ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން އެސުކޫލުގެ މުސްކުޅި ދަރިވަރުން އިސްނަގައިގެން ކައުންޓްޑައުންއެއް ވަނީ ފަށާފައެވެ. މިކައުންޓްޑައުންގެ ތެރޭގައި މަޖީދިއްޔާގެ 100 ވަނަ އަހަރީ ދުވަހު ސްކޫލްގައި ޚާއްސަ މޮނިއުމަންޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރޭ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކަކީ ދިވެހީންގެ ހަނދާނާއި ގުޅިގެންދާނެ ތާރީޚީ މުނާސަބާއަކަށް ހެދުމަށް ސްކޫލްގެ މުސްކުޅިދަރިވަރުންގެ ޖަމްޢިއްޔާއިންދަނީ މަސައްކަތްކުރަމުންނެވެ.

މިހާރު ރާއްޖެ ދެކޭ ތަރައްޤީގެ މަތީ ފަޑީގައި ތިބި އެތަށް ދިވެހިންނަކީ، މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންނެވެ. ގައުމުގެ ހިންގުމުގެ އެކި ދާއިރާތަކުގައި ހީވާގިކަމާއެކު ދަނީ މަސައްކަތް ކުރައްވަމުންނެވެ. ރާއްޖޭގައި ވެރިކަން ކުރެވި އެކިއެކި ބޭފުޅުންނާއި، ވަޒީރުންނާއި ކުންފުނިތަކުގެ ގިނަ އިސް މަޤާމުތަކުގައި މިވަގުތުވެސް، މަޖީދިއްޔާއިން ތަޢުލީމު ޙާސިލްކުރެއްވި އިހުގެ ދަރިވަރުން އެބަތިއްބެވިއެެވެ.

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ނިޒާމީ ތައުލީމުގެ "މުންނާރެވެ." އެއީ ޒަމާނީ ނިޒާމީ ތަޢުލީމުގެ ފެށުމެވެ. މިއަދާހަމައަށް މި މުއައްސަސާގެ ޚިދުމަތް މެދުކެނޑުމެއް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ.