ގައުމީ ކެރަމް ޓީމަށް ކުޅުންތެރިން ހޮވުމަށް ބޭއްވި މެޗުތަކަށްފަހު ގައުމީ ޓީމު އެކުލަވާލައިފިއެވެ.
މިމެޗުތައް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 11އިން ފެށިގެން 19ގެ ނިޔަލަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގެ ކެރަމް އެރީނާގައިއެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ރައުޝަން ވިދާޅުވީ ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށް ބޭއްވި މުބާރާތުގައި 29 ކުޅުންތެރިއަކު ބައިވެރިވިކަމަށެވެ.
ގައުމީ ޓީމު ކަނޑައެޅުމަށް ބޭއްވި މެޗުތަކުގައި ކޮންމެ ޖިންސަކުން އެންމެ މޮޅު ފަސްކުޅުންތެރިން ހޮވާ ރޭންކު ކުރެވުނެވެ. މި ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ލިބިފައިވާއިރު، ރޭ ނިމިގެން ދިޔަ މެޗުތައް ދިޔައީ ވަރަށް ފޯރިގަދަކޮށްކަމަށް ސީއޭއެމްގެ ޖީއެސް ރައުޝަންވަނީ ވިދާޅުވެފައެވެ.
"މެޗުތައް ދިޔައީ ވަރަށް ފޯރިގަދަކޮށް. ވަކިން ހާއްސަކޮށް ފިރިހެނުންގެ ރޭންކިންގ މެޗުތަކުގެ ފޯރި ގަދަކަން ފާހަގަވި" ރައުޝަން ވިދާޅުވިއެވެ.
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ރޭންކިން މެޗުތައް ކޮންމެ ހަތަރުމަހުން ބާއްވަމުން އަންނައިރު، ދެން އެންމެ އަވަހަށް ރޭންކުކުރުން އޮންނާނީ އޮގަސްޓުމަހުގެ ތެރޭގައިކަމަށް އެފަރާތުން ހާމަކުރެއެވެ.