މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަޖީދީމަގުގެ ކާނުތަކާއި ކަނބާ އައިސާރަނި ހިނގުމުގެ ކާނުތައް އެއްކޮށް ސާފުކޮށް ނިންމާލާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވިދާޅުވީ މިހާރު ކުރިއަށްދަނީ ޝަހީދު ޢަލީ ހިނގުމުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކަމަށެވެ.
ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ އުނދަގޫތައް ކުޑަކުރުމުގެ ގޮތުން މާލޭގެ މަގުތަކުގައި ހަދާފައިވާ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 8 ވަނަ ދުވަހު، މަޖީދީ މަގުންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ ދަތިތައް ކުޑަކުރުމުގެ ގޮތުން މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ކަނބާ އައިސާރަނި ހިނގުމުގެ ކާނުތައް އެއްކޮށް ސާފުކޮށް ނިންމާލާފައިވާކަމަށެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މާލޭގެ މަގުތަކުގެ ކާނުތައް ސާފުުކޮށް ނިމޭއިރު ވާރޭވެހި މާލޭގައި ފެންބޮޑުވާ މައްސަލައަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އެވުޒާރާއިން ޤަބޫލުކުރައްވައެވެ.
މިމަސައްކަތް 6 މަސް ދުވަސްތެރޭ ނިންމާލެވޭނެކަމަށް އެ ވުޒާރާއިން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް ކުރިއަށްގެންދާ ބޮޑު ޙަރަކާތަކީ މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޙަރަކާތެކެވެ.