ޚަބަރު

އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް ކާމިޔާބީއަށް އެދެން: ނައިބު ރައީސް


  • މިއަހަރު 7971 ދަރިވަރުން އޯ ލެވެލް އިމްތިހާނު ހަދާނެ

މިއަހަރު އޯލެވެލް އިމްތިޙާނު އަދި އެސްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ދަރިވަރުންނަށް ކާމީޔާބު އިމްތިހާނަކަށް އެދިވަޑައިގެން، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުންގެ ތައުލީމީ ހަޔާތުގެ މި ދަނޑިވަޅަކީ ވަރަށް މުހިންމު ދަނޑިވަޅެއް ކަމަށެވެ. އަދި ހިތްވަރާއި ބުރަމަސައްކަތުން އުޖާލާ މުސްތަޤުބަލެއް ދަރިވަރުންނަށް ތަނަވަސްވެގެން ދާނެ ކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ދަރިވަރުން ކާމިޔާބީއަށް ކުރަމުންދާ ދަތުރުގެ ކޮންމެ ފިޔަވަޅެއްވެސް ފަސޭހަކޮށްދެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

ތަޢުލީމީ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް ހިއްސާކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 7971 ދަރިވަރަކު ބައިވެރިވެއެވެ. މިފަހަރުގެ އިމްތިހާނު 260 ސެންޓަރެއްގައި ކުރިއަށްދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

އޯލެވެލް އިމްތިހާނުގައި މިއަދު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނެވެ. އެގޮތުން ފުރަތަމަ އިސްލާމް އަދި ދިވެހި މާއްދާ ކުރިއަށްދާނެއެވެ.