ޚަބަރު

ޗައިނާގެ އެއާލައިނަކަށް ތައްޔާރުކޮށްފައިވާ ބޯއިންގ މަތިންދާބޯޓެއް ޓެރިފްތަކުގެ ސަބަބުން އަނބުރާ އެމެރިކާއަށް


ޗައިނާގެ އެއާލައިނެއްގެ ބޭނުމަށް ތައްޔާރު ކޮށްފައިވާ ބޯއިންގ މަރުކާގެ މަތިންދާބޯޓެއް އަނބުރާ އެމެރިކާއަށް ގެންގޮސްފިއެވެ. އެ މަތިންދާބޯޓު އަނބުރާ އެމެރިކާއަށް ގެންގޮސްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމަށް އެތެރެކުރާ މުދަލުން ބޮޑު ޢަދަދުތަކުން ޓެރިފް ނެންގެވުމަށް ނިންމެވުމާ ގުޅިގެން އެ ނިންމުމުގެ ރައްދެއްގެ ގޮތުންޗައިނާއިން ވެސް ޓެރިފްތައް އިޢުލާނު ކުރުމުން އުފެދިފައިވާ ހަލަބޮލިކަމުގެ ސަބަބުންނެވެ.

ޗައިނާގެ ޝާމެން އެއާލައިނުގެ ބޭނުމަށް ތައްޔާރު ކޮށްފައިވާ ބޮއިންގ 737 މެކްސް މަތިންދާބޯޓު އެމެރިކާގެ ސިއެޓަލްގައި ހުންނަ ބޯއިންގގެ ކާރުޚާނާއަށް އަނބުރާ ގެންގޮސްފައި ވަނީ އާދީއްތަ ދުވަހުއެވެ. މަތިންދާބޯޓު އެމެރިކާއަށް އަނބުރާ ގެނައި އިރު އެ ބޯޓުގައި ޝާމެން އެއާލައިނުގެ ލޯގޯއާއި ކުލަތައް ވެސް ހުރީ ކުރަހާފައެވެ. މި މަތިންބޯޓަކީ ޗައިނާގެ ޖޯޝާންގައި ހުންނަ ބޯއިންގގެ ކާރުޚާނާއެއްގައި ބޯޓުތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ފުރިހަމަ ކުރަމުންދިޔަ ގިނަ ޢަދަދެއްގެ މަތިންދާބޯޓުތަކެއްގެ ތެރެއިން އުޅަނދެކެވެ. އެ ބޯޓުތަކުގެ މަސަައްކަތްތައް ނިންމުމަށް ފަހު ޗައިނާގެ އެއާލައިންތަކާ ޙަވާލު ކުރުމަށް ކުރިން އޮތީ ހަމަޖެހިފައެވެ.

ނަމަވެސް މި މަހުގެ ތެރޭގައި ރަޢީސް ޓްރަމްޕް ވަނީ އެމެރިކާއަށް ޗައިނާއިން އެތެރެކުރާ މުދަލުން 125 އިންސައްތައިގެ ޓެރިފެއް ނެގުމަށް ނިންމަވާ އެ ނިންމުން ތަންފީޒު ކުރައްވައިފައެވެ. އެ ނިންމުމުގެ ރައްދެއްގެ ގޮތުން ޗައިނާއިން ވެސް ވަނީ ޗައިނާއަށް އެމެރިކާއިން ގެންނަ މުދަލުން 125 އިންސައްތައިގެ ޓެރިފެއް ނެގުމަށް ނިންމާފައެވެ. ބޮއިންގ 737 މެެކްސް މަތިންދާބޯޓެއްގެ ބާޒާރުގެ އަގު 55 މިލިޔަން އެމެރިކާ ޑޮލަރަށް އަރާއިރު އަލަށް ތަޢާރަފު ކޮށްފައިވާ ޓެރިފްތަކުގެ ސަބަބުން ޗައިނާގެ އެއާލައިނަކުން އެމެރިކާގެ ބޯއިންގ ކުންފުނީގެ މަތިންދާބޯޓެއް އެ ޤައުމަށް އެތެރެ ކޮށްފި ނަމަ އެ ކުންފުންޏެއް ބަނގުރޫޓުވުމާ ގާތްވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މަތިންދާބޯޓު އަނބުރާ އެމެރިކާއަށް ގެނައުމަށް ނިންމީ ބޯއިންގ ކުންފުނިން ކަމެއް ޝާމެން އެއާލައިނުން ކަމެއް ސާފެއް ނުވެއެވެ. ދެ ކުންފުނިން ވެސް މިހާތަނަށް އެ ކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ ކުރިން މަތިންދާބޯޓުފަދަ ވައިގެ ދަތުރުފަތުރަށް ބޭނުން ކުރާ އުޅަނދުން އެއްވެސް ވަރަކަށް ޑިޔުޓީއެއް ނުނަގައެވެ. ނަމަވެސް މިހާރު ތަޢާރަފު ކޮށްފައިވާ ޓެރިފްތަކުގެ ސަބަބުން އެފަދަ އުޅަނދުތައް ބޭނުންވާ އެއާލައިންތަކަށް އުޅަނދުތައް ފޯރު ކޮށްދިނުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ. ޓެރިފްތައް ބަދަލުވުމާ ގުޅިގެން އުފެދިފައިވާ އޮޅުންބޮޅުމުގެ ސަބަބުން ގިނަ މަތިންދާބޯޓުތަކަކާ އެއާލައިންތަކުން ޙަވާލު ނުވުން އެކަށީގެންވެއެވެ. ޑިޔުޓީ ދެއްކުމަށްވުރެ އެ ކުންފުނިތަކަށް ފައިދާ ބޮޑު ވާނީ އެ ބޯޓުތަކާ ޙަވާލުވާ ތާރީޚު ފަސް ކުރުން ކަމަށް މަސްރަހު ދިރާސާ ކުރާ ތަޖުރިބާކާރުން ބުނެއެވެ.