ރެއާލް މެޑްރިޑުގެ ކޯޗުކަމުން ކާލޯ އަންޗެލޮޓީ ވަކިކުރުމުގެ ކުރިން އެކަމާމެދު ދެތިން ފަހަރު ވިސްނުމަށް އިޓަލީގެ ތަޖުރިބާކާރު ކޯޗު އަރިގޯ ސާޗީ ގޮވާލައިފިއެވެ.
އުމުރުން މިހާރު 76 އަހަރުގެ ކޯޗު ބުނީ އަންޗެލޮޓީ ވަކިކުރުމުގެ ކުރިން އޭނާ އަކީ ކާކުކަން ރަނގަޅަށް ދެނެގަންނެޖެހޭ ކަމަށެވެ. އަދި އޭނާ އަށްވުރެ މޮޅަށް ދެން ކޯޗުކަން ކުރެވޭނީ ކާކަށްތޯ ވެސް ބަލަންޖެހޭ ކަމަށެވެ.
"އަހަރެން ދެރަވަނީ (ވަކިކުރުމަކީ) ފުޓްބޯޅައިގެ ބަޔަކަށްވާތީވެ. އެންމެން ވެސް ކާލޯ (އަންޗެލޮޓީ) އަށް ފާޑުކިޔައި ޗެމްޕިއަންސް ލީގުން ބަލިވުމުގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވަމުންދަނީ. އެކަމަކު މި މީހުންނަށް އެނގޭބާ އަންޗެލޮޓީ އަކީ ކާކުކަން؟ އެނގޭބާ އޭނާ ހޯދި ކާމިޔާބީތައް؟ އަހަރެން ދެކޭ ގޮތުގައި އޭނާ އަކީ ހަގީގަތުގައިވެސް ފުޓްބޯޅައިގެ މާސްޓަރެއް. ހަމައެކަނި އޭނާ ހޯދި ތަށިތަކަށް ބަލާފައި އެކަންޏެއްނޫން. އޭނާގެ އިންސާނީ ވަންތަކަމުގެ ކޮލިޓީތަކަށް ވެސް ބަލާފައި،" ސާޗީ ބުންޏެވެ.
1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުން އިޓަލީ ބަލިވިއިރު ބެންޗުގައި އިން ސާޗީ ބުނީ އަންޗެލޮޓީ ވަކިކުރުމުގެ ކުރިން ރެއާލް މެޑްރިޑުން ދެތިން ފަހަރު އެކަމާމެދު ވިސްނަންޖެހޭނެ ކަމަށެވެ.
ސާޗީ އަކީ އިޓަލީގެ އޭސީ މިލާނުގައި ކާމިޔާބު ކޯޗެކެވެ. އަންޗެލޮޓީ ފަދައިން އޭނާ ވެސް ވަނީ މިލާނުގައި ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އިޓަލީގެ ދެ ކޯޗުންނަށް ވުމުން އަންޗެލޮޓީ އާއި ސާޗީއާ ދެމަދު އަބަދުވެސް ވަރަށް ބޮޑު ގާތްކަމެއް އޮވެ އެވެ.