ކުޅިވަރު

މުބާރާތް ބާއްވާ ހޯލު ކުޑަވުމަކީ ރާޒުވާގައި ދިމާވާ ބޮޑު ގޮންޖެހުމެއް: ނޫހު


ރާއްޖޭގައި ބާއްވާ ރާޒުވާ މުބާރާތްތަކުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މުބާރާތް ކުޅެންޖެހޭ ހޯލު ކުޑަވުން ކަމަށް މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ހަޒާންދާރު އަލީ ނޫހު ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ނޫހު ވިދާޅުވީ އެ އެސޯސިއޭޝަނުން އަމާޒު ހިފާފައިވަނީ ރާޒުވާ ރާއްޖޭގައި ފުޅާކޮށް އެ ކުޅިވަރުން ގައުމަށް މެޑެލްތަކެއް ހޯދައިދިނުމަށް ކަމަށެވެ. އެ ކުޅިވަރަށް ޝައުގުވެރިކަންހުރި މޮޅެތި ކުޅުންތެރިންތަކެއް ރާއްޖޭގައި އެބަތިބިކަން ފާހަގަކުރައްވަމުން ނޫހު ވިދާޅުވީ ރާޒުވާވެސް ތަރައްގީކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. މިކަމުގެ ސަބަބުން މުބާރާތްތައް ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދަންޖެހުމާ، މުބާރާތް ގިނަ ދުވަހަށް ދިގުލައިގެން ދިއުން ފަދަ ދަތިތައް ދިމާވާކަމަށް ނޫހު ފާހަގަކުރެއްވިއެވެ.

"ގޮންޖެހުންތަކުގެ ތެރޭގައި އަޅުގަނޑަށް އެންމެ ބޮޑަށް ދިމާވެފައިވާ އެއް ކަމަކީ އަޅުގަނޑުމެންގެ ކުޅޭ ހޯލު. ވާހަކައަކީ ލޯކަލް މުބާރާތްތަކުގައި ކުޅޭއިރު ހޯލު ކުޑަވެގެން ދިއުން. ވަރަށް ދެރަކޮށް ވާކަމެއް. ބައެއް ފަހަރު އެބަހުރި ކުދިންގިނަވެގެން ހޯލުގަ ނުކުޅެވިގެން، ދެ ގަޑިއަކަށް ބަހާލައިގެން ކުޅެންޖެހިފަ. އެހެންވުމުން ދުވަސްތައް ގިނަވެގެންދަނީ. ނުވަ ދުވަހުން ނިންމަންޖެހޭ މުބާރާތެއް އެބަ ނިމޭ ނަވާރަ ދުވަހުން، ވިހި ދުވަހުން، އެކާވީސް ދުވަހުން" ނޫހު ވިދާޅުވިއެވެ.

ސަރުކާރުން ކުޅިވަރަށް ދެއްވާފައިވާ އަހަންމިއްޔަތުކަމުގެ ދަށުން މިކަންކަމަށް ވިސްނަވާ ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވަމުންދާކަމަށް ނޫހުވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ދެއްވާ އެހީތެރިކަން ފާހަގަކޮށް އެކަމަށްޓަކަކައި ސަރުކާރަށް އޭނާވަނީ ޝުކުރުއަދާކުރައްވާފައެވެ.

"ސަރުކާރު އޮތީ ކޮންމެ ކުޅިވަރަކަށްވެސް އިރާދަކުރެއްވިއްޔާ އެބަޔަކު ކުރިއަރާ ދިއުމަށް މަސައްކަތްކުރާކަމަށް ވަންޏާ، ކާމިޔާބު ހޯދުމަށް މަސައްކަތްކުރާކަމަށްވަންޏާ އެބަޔަކާއެކު. ސަރުކާރުން ވަކި ކުޅިވަރަކަށް ވަކި ގޮތެއް ނުހައްދަވާނެ" ނޫހު ވިދާޅުވެފަވެއެވެ.

ރާއްޖޭގެ ޖޫނިއަރ ގައުމީ ރާޒުވާ ޓީމުން މިހާރުވަނީ ވެސްޓާން އޭޝިއާ ޔޫތު ޗެސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އުޒްބަކިސްތާނުގެ ޑުބާންޝަށް ގޮސްފައެވެ. މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ފުރި ޓީމުގައި ހިމެނެނީ 8 ކުޅުންތެރިންނެވެ. ރާއްޖެއިން މި މުބާރާތުގައި ވާދަކުރާނެ އުމުރުފުރާތަކަކީ 10 އަހަރުން ދަށާއި، 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުންދަށުގެ އިތުރުން 18 އަހަރުންދަށުގެ އުމުރުފުރައެވެ. ޖޫނިއަރ ގައުމީ ރާޒުވާ ޓީމަށް އިރުޝާދުދެމުން އަންނަނީ ޒުވާން ކޯޗު މުހަންމަދު ރައްޔާން އާދަމް ޝާކިރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން 2022 ވަނަ އަހަރު ކަލާފާނު ސްކޫލުވަނީ ރާޒުވާއިން ރަނަރަޕްކަން ހޯދާފައެވެ.

ވެސްޓާން އޭޝިއާ ޔޫތު ޗެސް ޗެމްޕިއަންޝިޕުގެ ކުޅުން ފަށާފައިވާއިރު، މުބާރާތުގެ ފަހު މެޗުތައް ރާވާފަވަނީ މިމަހުގެ 29 ވަނަ ދުވަހަށެވެ. މިމުބާރާތުގައި މީގެ ކުރިންވެސް ރާއްޖޭގެ ޓީމުންވަނީ ވާދަކޮށް 3 ރިހި މެޑެއްޔާއި، 4 ލޯ މެޑެލް ހިމެނޭހެން ޖުމްލަ 7 މެޑެލް ގައުމަށް ހޯދަދީފައެވެ.