ޚަބަރު

ޕެންޝަނާ ގުޅިގެން ހުރި މައްސަލަތައް ހައްލުކުރަންވާނީ މިހާރު ލިބޭވަރު މަދުނުވާ ގޮތަށް: ސުޖާތާ


  • ޑިފައިންޑް ބެނިފިޓްގެ ސަބަބުން ޕެންޝަން ސްކީމުގައި ބައިވެރިވާން ބޭނުންވާ މީހުން މަދުވާނެ

  • އަގުތަކަށް އަންނަ ބަދަލުތަކާ އެއްވަރަށް ޕެންޝަނަށް ލިބޭ އަދަދު ވެސް ބޮޑުވާން ޖެހޭ

ޕެންޝަނާ ގުޅިގެން ހުރި މައްސަލަތައް ހައްލުކުރަންވާނީ މިހާރު ލިބޭވަރު މަދުނުވާ ގޮތަށް ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.

ސުޖާތާ މިހެން ވިދާޅުވީ ރާއްޖޭގައި ޕެންޝަން ދިނުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޕެންޝަން އޮފީހާއި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.

ރާއްޖޭގައި ޑަބަލް ޕެންޝަން، ނުވަތަ ދެ ޕެންޝަން ލިބޭގޮތަށް މިހާރު ޤާނޫނުތަކާއި ގަވާއިދުތައް އޮތުމުގެ ސަބަބުން ދައުލަތަށް ބޮޑެތި ޚަރަދުތައް ކުރަންޖެހި ދެމެހެއްޓެނިވި ގޮތެއްގައި ޕެންޝަން ދެވޭނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މިއީ ސިވިލް ސަރވިސްގެ ޤާނޫނާއި ޕެންޝަންގެ ޤާނޫނުގައި ފުށުއަރާ ކަންތައްތައް ހުރުމުން ދިމާވެފައިވާ މައްސަލައެއް ކަމަށް މާލިއްޔަތު ކޮމިޓީން ފާހަގަކުރެއެވެ.

މި މައްސަލައާ ގުޅިގެން ކޮމިޓީގައި ވާހަކަދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވީ ޕެންޝަން ގާނޫނުގެ ބޭރުން ހިންގާ ސްކީމުތަކުގެ ސަބަބުން ޚަރަދުތައް ބޮޑުވެ، ތަފާތުކުރުން ބޮޑުވެފައިވާ ނިޒާމެއް އުފެދިފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ކޮންޓްރިބިއުޓް ކުރެވޭ ނިޒާމެއް ޕެންޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާއިރު އޭގެ ބޭރުން ކޮންޓްރިބިއުޝަނަކާ ނުލައި ދޭ ޑިފައިންޑް ބެނިފިޓްގެ ސަބަބުން، އެ ޤާނޫނުގެ ތެރެއިން ހިންގާ ސްކީމުގައި ބައިވެރިވާން ބޭނުންވާ މީހުން މަދުވާނެ ކަމަށް ވިދާޅުވިއެވެ.

ޤާނޫނަށް ބަދަލު ގެންނައިރު ވަޒީފާއިން މުސްކުޅިކުރަން މަޖުބޫރުވާ އުމުރު 65 އަހަަރަށް ވުރެ މަތިކުރުމާއި އަގުތަކަށް އަންނަ ބަދަލުތަކާ އެއްވަރަށް ޕެންޝަނަށް ލިބޭ އަދަދު ވެސް ބޮޑުވާން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ސުޖާތާ ވިދާޅުވިއެވެ.

ސުޖާތާ ވިދާޅުވީ ޕެންޝަނާ ގުޅުންހުރި މައްސަލަތައް ހައްލު ކުރާއިރު މިހާރު އެކި ފަރާތްތަކަށް ލިބޭ އެއްޗެއް މަދުނުވާނެހެން ހައްލު ހޯދަންޖެހޭ ކަމަށެވެ.

"މިހާރުގެ އެކްސްޕެކްޓޭޝަންވެސް ކޮންމެވެސް ވަރަކަށް މީޓް ކުރެވޭ މިޑްލް ގްރައުންޑެއްގައި އަޅުގަނޑުމެން އެޓްލީސްޓް މަސައްކަތް ކުރުން ވަރަށް މުހިންމު. އެބަޔަކަށް ލިބެމުންދާ އެއްޗެއް ހުއްޓުން ނޫނިއްޔާމުން އެ އެކްސްޕެކްޓޭޝަނަށްވުރެ މާ މާދުވެގެންދިއުމަކީ އެހާ އެދެވޭގޮތަކަށް ނުވާނެ ރީފޯމެއް ގެންނައިރަކު. ރިފޯމެއް ގެންނައިރު އެންމެ މުހިންމު އެއް ކަމަކީ ކަޓް އޮފް ޑޭޓެއް ކަނޑައެޅުން،" ސުޖާތާ ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ޕެންޝަނާ ގުޅޭ ކަންކަން ވަކިވަކި އޮފީސްތަކުން ކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށެވެ. ޕެންޝަނާ ގުޅޭ ހުރިހާ ކަމެއް ޕެންޝަން އޮފީހަށް ބަދަލު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ނާސިހު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ގޮތުގައި މި ރިފޯމް އަޅުގަނޑުމެން މުއައްސަސާތަކުން ވާހަކަ ދައްކައިގެން ޤާނޫނުތަކަށް އިސްލާހު ގެނެވުނީމަ މި ރިފޯމް ގެނެވޭނީ. އަޅުގަނޑުމެން ސިވިލް ސަރވިސް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް އެބަހުރި އަދި ޕެންޝަނާ ބެހޭ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް އެބަހުރި. ނަމަވެސް އަޅުގަނޑުމެން ދެކޭގޮތުގައި ރިޓަޔަރމަންޓާ ބެހޭ ކަންކަމުގައި ފައިނަލީ ކަސްޓޯޑިއަންއަކީ ޕެންޝަން އޮފީސް ކަމަށް ވާންޖެހޭނީ.،" ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ބޭސިކް ޕެންޝަނަށް މަހަކު 100 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. އަދި މިހާރު 65 އަހަރުން މަތީގެ އާބާދީ %4 ހުރިއިރު އެ އަދަދު 2030އާ ހަމައަށް %7 އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މީގެ ސަބަބުންވެސް ޕެންޝަނަށް ކުރަންޖެހޭ ޚަރަދު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ނާސިހު ހާމަކުރެއްވި ގޮތުގައި 2008ން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 5336 މުވައްޒަފުންނަށް ޕެންޝަން އިނާޔަތް ވަނީ ހަމަޖައްސައިދީފައެވެ. މީގެ ތެރެއިން 55 އަހަރުވެގެން މުސްކުޅި ކުރެވުނު 1612 މީހުންނާއި 65 އަހަރުވެގެން މުސްކުޅި ކުރެވުނު 3724 މީހުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.