އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާ ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާ ބެހޭ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް 1.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު %3.4 ދަށް އަދަދެކެވެ.
މިމަހުގެ ފުރަތަމަ 14 ދުވަސްތެރޭ ރާއްޖެއަށް 60،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު %1.3 ދަށް އަދަދެކެވެ.
ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް 278،000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
* ޗައިނާ: 278,605 ފަތުރުވެރިން
* ރަޝިއާ: 217,889 ފަތުރުވެރިން
* އިނގިރޭސިވިލާތް: 114,735 ފަތުރުވެރިން
* އިޓަލީވިލާތް: 95,164 ފަތުރުވެރިން
* ޖަރުމަނުވިލާތް: 92,284 ފަތުރުވެރިން
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުގައި ވާގޮތުން މިއަހަރުގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިރާރަތްކޮށްފައިވަނީ ފެބުރުވަރީ މަހުއެވެ. އެމަހު 254،556 ފަތުރުރުވެރިން ހަމައެކަނި އެމަހު ޒިޔާރަތްކޮށްފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1,091,228 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 328,203 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓާތަކުގައި 34,346 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 27,913 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އެތެރެވެފައިވަނީ ވައިގެ މަގުންނެވެ. އެގޮތުން 1,497,595 މީހުން ވައިގެ މަގުން އެތެރެވެފައިވެއެވެ. މީގެ ތެރެއިން %97.8 މީހުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ 1,480,394 މީހުންނެވެ. މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން 5,252 މީހުން، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 4,791 މީހުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން 3,171 މީހުން، މާމިގިލީ އެއާޕޯޓުން 2,783 މީހުން އަދި ދާލު އެއާޕޯޓުން 1,203 މީހުން އެތެރެވިއެވެ. ކަނޑުގެ މަގުން (ސީޕޯޓުތަކުން) އެތެރެވީ 15,583 ފަތުރުވެރިންނެވެ.