ޚަބަރު

އެފްއޭއެމްއިން ބާއްވާ މުބާރާތް 5 ޓީމާއެކު މި މަހު 30 ގައި ފަށަނީ


ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެންދާތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވަން ނިންމާފައިވާ ވާދަވެރި ފުޓްބޯޅަ މުބާރާތް 5 ކުލަބަކާއެކު މި މަހުގެ 30 ވަނަ ދުވަހު ފަށަން ހަމަޖައްސައިފިއެވެ.

މި މުބާރާތުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން "ޕީއެސްއެމް ސްޕޯޓްސް" އަށް މައުލޫތުމާތު ދެމުން އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު ބުނީ މިހާރު ކުރިއަށް ދަނީ މުބާރާތުގެ ޝެޑިއުލް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށާއި، މުބާރާތުގައި ބައިވެރިވާ ޓީމުތައް ފައިނަލް ކުރެވުނީ އާދިއްތަ ދުވަހު ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އޮޑި ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބުގެ އިތުރުން ދެވަނަ ޑިވިޝަނުގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

ޝުޖާއު ބުނީ މި މުބާރާތް ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، އުއްމީދަކީ މި މުބާރާތް ކުރިޔަށްދާއިރު ގައުމީ ޓީމަށް ކޯޗެއްވެސް ހަމަޖެހިގެން ދިއުން ކަމަށެވެ.

"ގައުމީ ޓީމަށް ކޯޗެއް އަވަހަށް ނެގިއްޖެއްޔާ އޭރުން މުބާރާތް ހިނގަމުންދާއިރު ކުޅުންތެރިންގެ ކުޅުންވެސް ފެންނާނެތާ، ރާއްޖޭން ކޯޗެއް ލިބޭތޯ މިބަލަނީ." ޝުޖާއު ބުންޏެވެ.

މިހާރު ގައުމީ ޓީމުގައި ހުރި ކޯޗު އަލީ ސުޒެއިންގެ އެއްބަސްވުމުގެ މުއްދަތު ވަނީ ހަމަވެފައެވެ. އެފްއޭއެމްގެ މާލީ ތާށިކަމާހުރެ ރާއްޖޭން ބޭރުގެ ކޯޗެއް ހޯދެން ނެތްއިރު، އެންމެ ފަހުން ރާއްޖެ ކުޅުނު ބައިނަލްއަގްވާމީ މެޗުތަކުގައި ހެޑް ކޯޗެއްގެ ދައުރު އަދާކުރީ ސުޒެއިންއެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ލަސްކުރީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ފީފާގައި އެދިގެންނެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން މި މަހުގެ 10 ގައި ފަށާގޮތަށް ކުރިން ހަމަޖައްސައި، އެފްއޭއެމްއިން އެކަން ކުލަބުތަކަށް އެންގިއެވެ. އަދި އައު ސީޒަނަށް ތައްޔާރުވުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ކުލަބުތަކަށް 9 މިލިއަން ރުފިޔާވެސް ދީފައެވެ. ކުލަބުތަކުން މާލީ މައްސަލަތައް ހައްލުކޮށް އައު ސީޒަނަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތްވެސް ފެށިއެވެ. އަދި ގިނަ ކުލަބުތަކުން ފޯރީގައި ފަރިތަކުރަމުންދަނިކޮށް ސީޒަން ފެށުން ހުއްޓުވީ އޭއެފްސީގެ ގަވަރނަންސް މެނޭޖަރު އަޙްމަދު ހައްރާޒެވެ.

ރާއްޖޭގައި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ބޮޑު މުބާރާތެއް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. އެއަށްފަހު ވާދަވެރި ފުޓްބޯޅަ މުބާރާތެއް ނުބޭއްވި ދިގުލައިގެން ދިޔައީ އެފްއޭއެމްގެ އިންތިޚާބު ނުބޭއްވި ދިގުލައިގެން ދިއުމާއި ގުޅިގެންނެވެ.

މި މަހު ސީޒަން ނުފަށައި އޯގަސްޓް މަހު ދިވެހި ޕްރިމިއަރ ލީގު ކުޅޭ ގޮތަށް ހަމަޖެއްސުމަށާއި، ފީފާ އާއި ގުޅިގެން އަލުން ފުޓްބޯޅަ ކަލަންޑަރު އެކުލަވާލުމަށް ވެސް ހައްރާޒު ވަނީ ލަފާދީފައެވެ. ފީފާއިން މަސައްކަތް ކުރަމުންދަނީ އޭޝިއާގެ މުބާރާތްތަކާއި އެއްގޮތައް މިއަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ އޯގަސްޓް މަހު ފެށުމަށެވެ.