ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރާ ޓީމުތަކަށް ޖާޒީ ހަވާލުކޮށްފިއެވެ. މި ޓީމުތަކަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު މާލޭ ޓީޓީ ހޯލުގައެވެ. މުބާރާތުގައި ވާދަކުރާ ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
ނޭޕާލުގެ ކަތުމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ދެ ޓީމެއް ވާދަކުރާނެއެވެ. އެއީ ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމުގެ އިތުރުން 19 އަހަރުން ދަށުގެ ޓީމެވެ.
މި މުބާރާތާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެއްވަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ރިޝާން މުޙައްމަދު ވިދާޅުވީ މި މުބާރާތުގައި ވާދަކުރުމަށް ދެ ޓީމުންވެސް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އީރާނު ކޯޗަކާއެކު މާޗު މަހުން ފެށިގެން ފަރިތަކުރުންތައް ފަށާފައިވާއިރު، މި ކޯޗަކީ ސަރުކާރުގެ އެހީތެރިކަމާއެކު ހަމަޖެހުނު ކޯޗެއްކަންރިޝާން ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުޅިވަރާ ގުޅުންހުރި އެންމެހައި ކަންކަމަށް ސަރުކާރުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، އޭނާ ވަނީ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
މުބާރާތުގައި ވާދަކުރުމަށް މި ދެޓީމު ފުރުމަށް ހަމަޖެހިފަވަނީ މާދަމާ މެންދުރުގެ ވަގުތެއްގައެވެ. މި މުބާރާތަށް ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި، އުއްމީދަކީ މެޑެއްޔެއް ހޯދުން ކަމަށްވެސް ރިޝާން ވިދާޅުވިއެވެ.
"މެޑެއްޔަކަށް ޓާގެޓް މިކުރަނީ. ވަކި ކުލައެއް ނެތް. އިރާދަކުރެއްވިއްޔާ އުއްމީދަކީ ޕޯޑިއަމް ފިނިޝްއެއް (މުބާރާތުގެ ގަދަ ތިނަކުން ޖާގައެއް ލިބުން)." ރިޝާން ބުންޏެވެ.
ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މި މަހުގެ 24 އިން 27 އަށް ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައެވެ.