ސޫދާންގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ފައުޖުން އުތުރު ދާރްފޫރަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ސަރަޙައްދަށް ކުރިމަރިވެފައިވާ އިންސާނީ ކާރިޘާގެ ޙާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ބުނެ އެހީދޭ ޖަމްޢިއްޔާތަކުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
އދގެ ސޫދާނަށް ޚާއްޞަ ކޯޑިނޭޓަރު ކްލެމެންޓީން ނަކްވެތާ-ސަލާމީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އުތުތު ދާރްފޫރުގެ ވެރިކަންކުރާ އަލް-ފާޝިރާއި ވަށައިގެންވާ ސަރަޙައްދުތަކަށް އިންސާނީ އެހީ ލިބުމަށް އޮންނަ ފުރުޞަތު ނުރައްކާތެރިވާ މިންވަރަށް ހަނިވެފައިވާ ކަމަށެވެ. ފާއިތުވި ހަފުތާތަކުގައި އާރްއެސްއެފުން ވަނީ އެ ސަރަޙައްދުތަކަށް ގިނަ ޙަމަލާތަކެއް ދީފައެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އާރްއެސްއެފުން ވަނީ ރެފިއުޖީ ކޭމްޕުތައް ކަމަށްވާ ޒަމްޒަމް ކޭމްޕަށާއި އަބޫ ޝޫކު ކޭމްޕަށް ޙަމަލާ ދީފައެވެ. ޒަމްޒަމް ކޭމްޕުގައި އެކަނި ވެސް އެއް މިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅޭއިރު، އެ ޙަމަލާތަކުގައި 300 މީހުން ވަނީ މަރުވެފައެވެ. އާރްއެސްއެފުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް ޒަމްޒަމާއި އަބޫ ޝޫކު ހިމެނޭ ގޮތަށް ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ މީހުން ދަނީ އެ ސަރަޙައްދު ދޫކޮށް ދަމުންނެވެ. މިހާތަނަށް 400،000އަށްވުރެ ގިނަ މީހުން ވަނީ އެ ކޭމްޕުތައް ހުންނަ ސަރަޙައްދާ 60 ކިލޯމީޓަރު ދުުރުގައި އޮންނަ ތަވީލާ ކިޔާ އަވަށަކަށް ދިޔުމަށް ސަހަރާ ހުރަސް ކުރަން ފަށައިފައެވެ.
ނަކްވެތާ-ސަލާމީ އިތުރަށް ވިދާޅުވީ ދިރިއުޅޭ ތަން ދޫކޮށް ދިޔުމަށް މަޖުބޫރު ވެފައިވާ 450،000 މީހުންނަށް އަސާސީ ސާމާނާއި އެހީތެރިކަން ލިބުމުގައި ދަތިތަކާ ކުރިމަތިލަމުންދާ ކަމަށެވެ. ބަލިމަޑުކަމާއި ބަނޑަށް ޖެހުން ފަދަ މައްސަލަތައް ކުރިމަތިވުމުގެ ހިރާސް އެ ސަރަޙައްދުގައި އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަކްވެތާ-ސަލާމީ ވަނީ އދއާއި ހިލޭ ސާބަހަަށް މަަސައްކަތްކުރާ ޖަމުޢިއްޔާތަކަށް ސޫދާންގެ ރައްޔިތުންނަށް އެހީތެރިވުމުގެ ފުރުޞަތު މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައިފައެވެ. ސޫދާންގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދެވޭނީ އޭރުން ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.