ކުޅިވަރު

ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު: މުޅި ރާއްޖެއަށް ކުޅިވަރު ފަތުރާލުމުގެ އެންމެ މުހިންމު ވަސީލަތް


ރާއްޖޭގެ ކޮންމެ ރަށެއްގައި ސަރުކާރުން ގާއިމުކޮށްދެއްވާ ފްޓިނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަކީ މުޅިރާއްޖެއަށް ކުޅިވަރު ފެތުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނެ ވަސީލަތްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަދައްކަވުމުން ވަޒީރު ވިދާޅުވީ ފިޓްނަސް ސެންޓަރުތައް ގާއިމުވެގެންދާނީ އިންޑޯ ޖިމްތަކާއި އެރޮބިކްސް ކުލާސްތަކުގެ އިތުރުން ބޯޑް ގޭމް ކުޅެވޭނެ ވަސީލަތްތަކާއެކުކަމަށެވެ.

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ގާއިމުކުރެވޭ މި ސެންޓަރުތަކުގައި ހަރަކާތްތެރިވާނީ ތަމްރީނު ލިބިފައިވާ މުވައްޒަފުންކަމަށާއި، މި ސެންޓަރުތަކުގައި ކޮންމެ ދުވަހަކުވެސް ޕްރޮގުރާމުތައް ހިންގޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މީގެ އެންމެ މުހިންމު ބޭނުމަކީ، ގައިންގަޔަށް ނާރާ ބަލިތަކުން ދުރުވުމާއި، މެންޓަލް ސްޓެރެސް ކުޑަކުރުމާއި، މުޖުތަމައު ތެރޭގައި ގުޅުން ބަދަހިކުރުން." ވަޒީރު ވިދާޅުވިއެވެ.

ހުސްވި އަހަރުގެ ތެރޭގައި ކުޅިވަރު ވަސީލަތްތަކުގެ އޮޑިޓެއް ކުޅިވަރާ ބެހޭ ވުޒާރާއިން ކޮށްފަވާއިރު، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ޑޭޓާތައްވެސް މި އޮޑިޓުގައިވަނީ ހިމަނާފައެވެ.

ވަޒީރު ވިދާޅުވީ މުޅި ރާއްޖެއަށް ކުޅިވަރު ފެތުރުމަކީ ގޮންޖެހުން ބޮޑުކަމެއްކަމަށެވެ. ސަބަބަކީ އެއްތަނަކުން ހުރިހާ ވަސީލަތެއް ލިބޭނެފަދަ ގޮތަކަށް އިންތިޒާމުތައް އަދި ހަމަޖެހިފައިނެތުމެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ކޮންސިޑަރ މިކުރަނީ އެންމެ ގިނައިން ކުޅޭ ކުޅިވަރުތަކުގައި އަދި އެ ކުޅިވަރުތަކުން ޕޮޓެންޝިއަލް ހުރި ކުޅިވަރުތައް ކުޅެމުންދާ ރަށްރަށަކީ ކޮބާތޯ ބަލާފަ އެރަށްރަށަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޕްރޮވައިޑް ކޮށްދިނުމަށް." ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވުޒާރާއިގެ އެންމެ ބޮޑު ޒިންމާއަކީ ސިއްހަތާ ދުޅަހެޔޮކަމުގެ ތެރެއިން ހަށިހެޔޮ މުޖުތަމައުއެއް ބިނާކުރުމެވެ. މި އަމާޒަށް ވާސިލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއްއިޒު ވަނީ ރާއްޖޭގައި ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ދެ އަހަރުތެރޭގައި ގާއިމުކޮށްދެއްވާނެ އިއުލާންކުރައްވާފައެވެ.

ބުންވަރަކީ ކުޅިވަރުގައި ކުރިއަރާ ދިއުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަންތަައްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ފިޓްނަސް ސެންޓަރުތައް ގާއިމުވެގެން ދިޔުމަކީ މިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއްކަމަށެވެ.

މި ގޮތުން ސިޓީތަކާއި އާބަން ސެންޓަރުތަކުގައި އިންޑޯ ފެސިލިޓީތައް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށް ވަޒީރު ވިދާޅުވިއެވެ. އުއްމީދަކި މިއަހަރު ތެރޭގައި މިމަސައްކަތްތައް ފެށިގެން ދިއުންކަމަށާއި، މިކަމުގެ ސަބަބުން އަތޮޅުތެރޭގައި ކުޅިވަރު ހަރަކާތްތައް ކުރިއެރުމަށް ބާރަކަށްވެގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯރ ޖިމްތައް ގާއިމުކުރުމަށް ސަރުކާރުން އަމާޒުހިފާފަވާއިރު،މި ޖިމްތަކާއެކު ރެކްރިއޭޝަން ހަރަކާތްތައް ފުޅާވެގެންދާނެކަމަށް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. އަދި މި އަމާޒަށް ވާސިލުވުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަަތްކުރަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކުޅިވަރު ވުޒާރާއާއި ސަރުކާރުގެ ތިން ކުންފުންޏަކާ ދެމެދުވަނީ މިހާރުވަނީ 77 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރެވިފައެވެ.