ޚަބަރު

ޑޮލަރު މައްސަލަ ހައްލުކޮށް 2027ގެ ނިޔަލަށް ބޭންކް ރޭޓުގައި އެންމެންނަށް ޑޮލަރު ލިބޭނެ: ރައީސް


  • ރައީސް މިހެން ވިދާޅުވީ ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގައި ވާހަކަފުޅުދައްކަވަމުން

  • ޑޮލަރު މައްސަލަ ހައްލުވާނެ ކަމަށާއި ނަމަވެސް އެކަމަށް ވަގުތު ނަގާނެކަމަށް ވިދާޅުވި

ޑޮލަރު މައްސަލަ ހައްލުކޮށް 2027ވަނަ އަހަރުގެ ނިޔަލަށް ބޭންކު ރޭޓުގައި އެންމެންނަށް ޑޮލަރު ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ޒުވާނުންގެ އާބާދީއަށް ޚާއްޞަ ކުރައްވައިގެން، މީސް މީޑިއާގައި މިއަދު އާންމުކުރެއްވި ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއެޕިސޯޑުގައި މައިގަނޑު ވާހަކަތައް ބިނާކޮށްފައިވަނީ ޒުވާނުންގެ ކަންބޮޑުވުންތަކުގެ މައްޗަށެވެ. އެ އެޕިސޯޑުގައި ޑޮލަރު މައްސަލައަށް ދާއީމީ ހައްލެއް އަންނާނެ ދުވަހަކާ ގުޅޭގޮތުންވެސްވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑޮލަރު މައްސަލަ ހައްލުވާނެ ކަމަށާއި އެކަމަށް ވަގުތު ނަގާނެކަމަށެވެ. ނަމަވެސް ސަރުކާރުން ނިންމަވާފައިވާ ފިޔަވަޅުތައް ތަންފީޒު ވެއްޖެނަމަ މައްސަލައަށް ހައްލު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިހާރުވެސް ޤަވާއިދުން ބޭންކުތަކަށް ޑޮލަރު މާރުކުރަމުން އަންނަކަމަށެވެ. އެމަނިކުފާނު ވަނީ ޑޮލަރު މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވާފައެވެ.

" މިހާރު މިއަޅާ ފިޔަވަޅުތައް އަޅުގަނޑުމެން އިޢުލާންކޮށްފައިވާ ގޮތަށް ތަންފީޒުވެއްޖެނަމަ، އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް ޑޮލަރު މައްސަލަ ހައްލުވާނެކަން. އެއްކޮށް ރަނގަޅުވާނެ އެކަމަކު ބައިވަރު ފިޔަވަޅުތަކެއް އެބަހުރި. މިހާރު އަޅުގަނޑުމެން މިބަލަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އަސްލު ޑޮލަރު ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޭރުފައިސާގެ ތާށިކަމާއެކު ޑޮލަރު މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ނިޒާމީ ގޮތެއްގައި ދޫކޮށްލެއްވިފައި އޮތް ބޭރުފައިސާގެ ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މިއަހަރު ފެށުނު އިރު ބޭރުފައިސާގެ އައު ޤާނޫނަކަށް ވަނީ ޢަމަލުކުރަން ފަށާފައެވެ. މިއާއެކު ރާއްޖޭގެ ބޭރުފައިސާއިން އާމްދަނީ ލިބޭ ހުރިހާ ވިޔަފާރިއަކުންވެސް، ދިވެހި ރާއްޖޭގައި ހިންގަމުންދާ ބޭންކުތަކަށް ބޭރުފައިސާ މާރުކުރަން ޖެހެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން މާރުކުރަން ޖެހޭއިރު، އެހެން ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި 15 މިލިއަން ޑޮލަރު ލިބޭނަމަ އާމްދަނީ 20 އިންސައްތައަށް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މިފުރުސަތު ފަތުރުވެރިކަމުގެ ވިޔަފާރިތަކަށްވެސް ވަނީ ފަހިވެފައެވެ.