ޚަބަރު

އެފްއައިވީބީގެ ކޯޗުގެ އެހީގައި ޒުވާން ކޯޗުން ތަމްރީނުކުރަނީ


ރާއްޖޭގައި މިހާރު ފަށާފައިވާ ވޮލީބޯޅައިގެ ޚާއްސަ ޕްރޮގުރާމުގެ އެއް ބޭނުމަކީ ވޮލީބޯޅައިގެ ބައިނަލްއަގުވާމީ އިދާރާ، އެފްއައިވީބީން ފޮނުވާފައިވާ ކޯޗުގެ އެހީގައި ޒުވާން ކޯޗުން ތަމްރީނުކުރުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މި މަހުގެ ތެރޭގައި ރާއްޖެ ގެނެސްފައިވާ އީރާނުގެ ކޯޗު އަލީ ޕޫރް އަރުޖީ އާއެކު މިހާރު ބާއްވަމުން އަންނަ ޕްރޮގްރާމުގެ އެއް ބޭނުމަކީ ނޮލެޖް ޓްރާންސްފަރ ކުރުން ކަމަށެވެ.

"މި ޕްރޮގްރާމްގެތެރެއިން އެފްއައިވީބީން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ނޮލެޖް ޓްރާންސްފާ ކުރުން، އެހެންވީމަ އެފްއައިވީބީން ފޮނުވާފައި ހުރި ކޯޗެއް މީ. މާނައަކީ ކޯޗު މި ގައުމުން ފުރާއިރު އޭނާގެ ނޮލެޖު ހުންނަންވާނީ އަހަރެމެންގެ ކޯޗުންނަށް ޓްރާންސްފަރ ވެފައޭ."

ޒުވާނުންގެ މަރުކަޒުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލަތީފް ވިދާޅުވީ އީރާނުގެ ކޯޗާއެކު މަސައްކަތް ކުރަން ބޭނުންވާ ރާއްޖޭގެ ކޯޗުންނަށް މި ޕްރޮގްރާމުގައި ބައިވެރިވެ، ކޯޗާއެކު މަސައްކަތްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

"ޝައުގުވެރިކަން ހުރި ކޯޗުންގެ ތެރެއިން ސެލެކްޝަނެއް ހަދާފައި މީނަގެ ނޮލެޖު ޓްރާންސްފަރ ކުރުމަށްޓަކައި ޒުވާން ކޯޗުން ތަމްރީނުކުރުން ކުރިޔަށް ގެންދެވޭނެ." ލަތީފް ވިދާޅުވިއެވެ.

ވީއޭއެމްގެ އަމާޒަކީ ގްރާސްރޫޓް ތަމްރީނުތައް ވަރުގަދަކޮށް، ވޮލީގެ އައު ޖީލެއް އުފެއްދުމެވެ. އަދި 23 އަހަރުގެ ދަށުގެ ގައުމީ ޓީމު އެކުލަވާލައި، އެ ޓީމުން މޮޅެތި ކުޅުންތެރިން އުފައްދައި، ސީނިއަރ ގައުމީ ޓީމަށް ކުޅުންތެރިން ބިނާކުރުމެވެ.

ފާއިތުވި އަހަރުވެސް ބައިނަލްއަގުވާމީ ވޮލީގައި ކާމިޔާބީތަކެއް ރާއްޖެއަށް ލިބިފައިވާއިރު، މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ އީރާނުގެ ކޯޗުގެ އެހީގައި ވީއޭއެމްއިން އަމާޒު ހިފާފައިވަނީ ކުރިޔަށް އޮތް ސާފް ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ފައިނަލަށް ރާއްޖެ ގެންދިއުމާއެކު، ރާއްޖެއަށް އެ ދެ މުބާރާތުންވެސް މެޑެއްޔެއް ހޯދުމަށެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން މިއަހަރު ރާއްޖޭގައި ބައިނަލްއަގްވާމީ 4 މުބާރާތެއް ބާއްވަން ނިންމާފައިވާއިރު، އޭގެތެރޭގައި ބީޗް ވޮލީގެ ދެ މުބާރާތެއްވެސް ހިމެނެއެވެ. ވީއޭއެމްއިން މިއަހަރު މުޅިން އައު ދެ މުބާރާތްވެސް ބާއްވާނެއެވެ. އެއީ ރާއްޖެ ބީޗް ވޮލީބޯލް ލީގާއި، 21 އަހަރުން ދަށުގެ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕެވެ.