ޚަބަރު

ބޭންކު ކާޑުގެ މަޢުލޫމާތު ހާމަވިޔަސް، ކަސްޓަމަރަށް މާލީ ގެއްލުމެއް ނުވާނެ: ބީއެމްއެލް


  • ފައިސާގެ މުޢާމަލާތްކުރާ ނިޒާމު ފަރުމާކޮށްފައިވަނީ ބައިނަލްއަޤުވާމީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް

  • ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް، ކާޑުގެ މަޢުލޫމާތު ހާމަވެދާނެ ކަމެއް ހިނގައިތޯ މޮނިޓަރކުރާނެ

ބޭންކު ކާޑުގެ މަޢުލޫމާތު ހާމަވިޔަސް، މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުވާނެކަން ކަށަވަރުކުރައްވާނެކަމަށާއި ކާޑުގެ މުޢާމަލާތްތަކުގެ ފުރިހަމަ ރައްކާތެރިކަން ކަސްޓަމަރުންނަށް ލިބޭނެކަމަށް ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިދާޅުވެއްޖެއެވެ.

ބީއެމްއެލްއިން ވިދާޅުވީ ބޭންކު ކާޑާއި ފައިސާގެ މުޢާމަލާތްކުރާ ނިޒާމު ފަރުމާކޮށްފައިވަނީ ފައިސާ މުޢާމަލާތާ ގުޅޭ ބައިނަލްއަޤުވާމީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން އޮންލައިންކޮށް ކުރެވޭ ފައިސާގެ މުޢަމާލާތްތަކަށް އެކަށީގެންވާ ވެރިފިކޭޝަން ނިޒާމެއް ހިނގައި، މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރާނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. ނަމަވެސް ބޭރުގެ ފައިސާގެ މުޢާމަލާތު ހިންގައި ފަރާތްތައް ހެކުވެ، މަޢުލޫމާތު ހާމަވާ ހާލަތްތަކުގައި ޕަބްލިކް ޑޮމެއިންތަކުގައި ފެންނަން ހުރެދާނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ކާޑު ދޫކުރާ ފަރާތްތަކުގެ އެތައް މިލިޔަން ކަސްޓަމަރުންނަށް މިފަދަ ހާލަތްތައް ދިމާވެފައި އެބަ ހުއްޓެވެ.

ބީއެމްއެލްއިން ވިދާޅުވީ ބޭރުގެ އެކިއެކި ފައިސާގެ މުޢަމަލާތްކުރާ ފަރާތްތައް ހެކުވެ، މަޢުލޫމާތު ހާމަވާ ހާލަތްތަކަށް ބީއެމްއެލްއިން އަހުލުވެރިވާނެ ކަމަށެވެ. އަދި ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް، ކާޑުގެ މަޢުލޫމާތު ހާމަވެދާނެ ކަމެއް ހިނގައިތޯ މޮނިޓަރކުރާކަމަށްވެސް އެ ބޭންކުން ވިދާޅުވިއެވެ.

ބީއެމްއެލްއިން ވިދާޅުވީ މަޢުލޫމާތު ހާމަވަގެންދާ ހާލަތެއްގައި ނުވަތަ ޑޭޓާ ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި، ބޭންކުން ވަގުތުން ކާޑު ބްލޮކްކޮށް، އައު ކާޑެއް ދޫކުރާނެ ކަމަށެވެ. އަދި މިފަދަ ކަމަކުން ފައިސާ ގެއްލިއްޖެނަމަ ޑިސްޕިއުޓްކުރުމުގެ ފުރުސަތު ކަސްޓަމަރަށް ދެވި، ގެއްލުނު ފައިސާ ހޯދައިދެވޭނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އެހެންކަމުން ހެކްވެ، ކާޑުގެ މަޢުލޫމާތު ހާމަވާ ހާލަތްތަކުގައި މާލީ ގޮތުން ގެއްލުން ނުވާނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ބޭންކު މެދުވެރިކޮށް ހިނގައި އޮންލައިން މުޢާމަލާތްތަކުގައި ފައިސާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ބީއެމްއެލްއިން ކުރައްވައެވެ.